ރާއްޖޭގައި ޑޭކެއާ ސެންޓަރު ތައް ގާއިމްކޮށް ހިންގާނެ އުސޫތައް ކަނޑައަޅައި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފިއެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާއިން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ރާއްޖޭގައި ޑޭކެއާ ސެންޓަރެއް ހިންގަން ވަނީ އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ. އެގޮތުން ޑެކެއާ ސެންޓަރެއް ހިންގުމުގެ ހުއްދަ ހޯދުމަށްޓަކައި 100 ރުފިޔާ ގެ ފީއެއް އެ މިނިސްޓްރީ އަށް ދައްކަން ޖެހޭނެ އެވެ. އަދި ދޫކުރެވޭ ހުއްދަ ގެއްލިއްޖެނަމަ އަލުން ހުއްދަ ދޫކުރެވޭނީ 150 ރުފިޔާގެ ފީ އެއް ދެއްކުމުން ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

ޑޭކެއާ ސެންޓަރު ހިންގުމުގެ އުސޫލްގައިވާ ގޮތުން އެ ސެންޓަރު ހިންގުމަށްޓަކައި ކޮންމެ ސެންޓަރަކުންވެސް ހިންގުމުގެ ގަވާއިދެއް އެކުލަވާލަން ޖެހެއެވެ. އަދި އެ ގަވާއިދުގައި ސެންޓަރަށް މުވައްޒަފުން ވެއްދުމުގައި އިސްކަންދޭންވާނެ ކަންތައްތައް ހިމަނާފައި ހުންނަން ޖެހޭނެ އެވެ.

ޑޭކެއާ ސެންޓަރުގައި ތިބޭ ކުދިންގެ ނިސްބަތާއި އުމުރުފުރާއަށް ބަލައި މުވައްޒަފުން ކަނޑައަޅާނެ އަދަދު ހިމަނާފައި ހުންނަން ޖެހޭނެ އެވެ. ހަމައެހެންމެ ސެންޓަރުން ދެވޭނެ ޚިދުމަތްތަކާއި ސެންޓަރުގައި ތިބޭ ކުދިންގެ އަތުން ނަގާނެ ފީގެ ތަފްސީލާއި ސެންޓަރުން ޚިދުމަތް ދެވޭނެ ގަޑިތައް ގަވާއިދުގައި ހިމަނާފައި ހުންނަން ޖެހޭނެ އެވެ.

ލޯ އެންޑް ޖެމްޑާއިން އާންމުކުރި އުސޫލްގައިވާ ގޮތުން ޑޭކެއާ ސެންޓަރު ތަކުގައި މަސައްކަތް ކުރާނެ މުވަޒަފުން ވާންޖެހޭނީ ކުޑަކުދިން ގެންގުޅުމުގެ ހުނަރު ލިބިފައިވާ އެކަމަށްޓަކައި ތަމްރީން ކުރެވިފައިވާ މީހުންނަށެވެ. އަދި އެ މީހުން ވާން ޖެހޭނީ ކުޑަކުދިން ގެންގުޅޭ ހިއްވާ ކަަމަށް ޝައުގުވެރިވާ މީހުން ކަމަށް ވެސް އެ އުސޫލުގައި ވެއެވެ.

ޑޭކެއާ ސެންޓަރު ހިންގުމުގެ އުސޫލުގައިވާ ޑޭކެއާ ސެންޓަރުތަކުގައި ތިބޭ ކުދިންގެ ތަފްސީލީ މައުލޫމާތު އެ ސެންޓަރެއްގައި ރައްކާކުރެވިފައި ހުންނަން ޖެހޭނެއެވެ. އެގޮތުން ސެންޓަރު ރަޖިސްޓްރީ ކުރެވޭ ކޮންމެ ކުއްޖަކަށް ވަކި ފައިލެއް އޮންނަން ޖެހޭނެ ކަމަށް އުސޫލްގައި ވެއެވެ. ޑޭކެއާ ސެންތަރުގައި ތިބޭ ކުދިންގެ ބެލެނިވެރިންގެ ތަފްސީލީ މައުލޫމާތު ވެސް އެ ސެންޓަރެއްގައި ރައްކާކުރެވިފައި ހުންނަން ޖެހޭނެ އެވެ.

އެ އުސޫލްގައިވާ ގޮތުން ޑޭކެއާ ސެންޓަރުތަކުގައި ތިބޭ ކުދިންގެ ނުވަތަ ކުދިންގެ ބެލެނިވެރިންގެ އެއް ވެސް މައުލޫމާތެއް ހާމަ ކުރުމަކީ ނުވަ އެއް ވެސް ފަރާތަކަށް ދިނުމަކީ މަނާކަމަކެވެ. ނަވެސް ތަހުގީގީ އިދާރާއަކުން ތަހުގީގެއް ކުރުމަށްޓަކައި އެ މައުލޫމާތެއް އެ އިދާރާއަކަށް ދެވިދާނެ ކަމަށާއި އެ މައުލޫމާތު އެފަދަ އިދަރާއަކަށް ދޭން ޖެހޭނީ ސެންޓަރުގެ ވެރިފަރާތުން ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

އުސޫލުގައިވާ ގޮތުން ކޮންމެ ޑޭކެއާ ސެންޓަރުތައް ކޮންމެ ހަ މަހުން އެއް ފަހަރު ލޯ އެންޑް ޖެންޑާގެ ފަރާތުން އިންސްޕެކްޓް ކުރާނެއެވެ. އަދި ސެންތަރުގައި މައްސަލައެއްވާނަ އެ މައްސަލަތައް ހައްލު ކުރުމަށް އެ ސެންޓަރަކަށް ފުރުސަތު ދެވޭނެ އެވެ.

ލޯ އެންޑް ޖެންޑާއިން އާންމުކުރި ޑޭކެއާ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. އެ މުއްދަތުގެ ތެރޭގައި މިހާރު ރާއްޖޭގައި ހިންގަމުން ގެންދާ ޑޭކެއާ ސެންޓަރުތައް މިއަދު އާންމުކުރި އުސޫލަށް ފައްތަން ޖެހޭނެއެވެ، އަދި ސެންޓަރ ހުންގޔމުގެ ހުއްދަ ލޯ އެންޑް ޖެންޑާއިން ނަގަން ޖެހޭނެއެވެ.