އަންނަ އަހަރު ތަންފީޒުކުރަން ފަށާ އާ މަންހަޖުގެ އެއްވެސް ހިސާބެއްގައި އިސްލާމްދީނަށް ފުށުއަރާވަރުގެ އެއްވެސް ކަމެއް ހިމެނިގެންނުދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ޝޯޝަލް ކައުންސިލުގެ ފަރާތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ދެންނެވިި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ފަށާ އާ މަންހައްޖު ބިނާވާނީ އިސްލާމީ އަގީދާ އާއި އަހުލާގުގެ މައްޗަށް ކަމަށެވެ.

"މަންހަޖުގެ އެއްވެސް ހިސާބެއްގައި އިސްލާމްދީނަށް ފުށުއަރާވަރުގެ، އިސްލާމްދީނާ ތަފާތުވާނެ އެއްވެސް ކަމެއް ހިމެނިގެންނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އާ މަންހަޖު އަންނަ އަހަރު ފުރަތަމަ ތައާރަފުކުރަނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ތިނަކާ ހަމައަށް ކަމަށެވެ.

މިއަދުގެ ޕްރެސްކޮންފަރެންސުގައި ބައިވެރިވެވަޑައިގަތް އިސްލާމިކް މިނިސްޓަރު އަދި ސޯޝަލް ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ، އާ މަންހަޖު ބިނާ ކުރުމުގައި ދީނީ ތައުލީމަށާއި ތަރުބިއްޔަތަށް ދީފައިވާ އަހައްމިއްޔަތަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ގައުމީ އާ މަންހަޖުގައި ހުރި ނުތަނަވަސްކަން އެކުވެރިކަމާ އެކު މަޝްވަރާކޮށްގެން ހައްލުކުރެވޭނެ ކަމަށް ޝަހީމު ވިދާޅުވި އެވެ.

އާ މަންހަޖުގައި މިއުޒިކާއި ނެށުން ހިމެނެނީ، ގްރޭޑް އެކަކުން އަށެއްގެ ދަރިވަރުންނަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި، ކްރިއޭޓިވް އާޓްސްގެ ބައެއްގެ ގޮތުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް ސަން އަށް ވިދާޅުވީ މިއުޒިކް އަދި ނެށުން ވަކި މާއްދާއެއްގެ ގޮތުގައި ހިމަނާފައިވާ ކަމަށް ވިދާޅުވާ ވާހަކައަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މިއުޒިކާއި ނެށުމަކީ މިހާރު ވެސް ސްކޫލުތަކުގައި ހިންގަމުން އަންނަ ހަރަކާތެއް ކަމަށެވެ.

"ނެށުމާއި މިއުޒިކް ހިމެނޭތީ އެއް ފަރާތަކުން [ސަލަފު ޖަމިއްޔާ އިން] ކަންބޮޑުވުން ފާޅުކުރި. ނަމަވެސް އެކަމާ މަޝްވަރާކުރުމަށް ދައުވަތު އެރުވުމުން ދައުވަތު ވަނީ ގަބޫލުފުޅުނުކުރައްވައި ވަނީ. ނަމަވެސް އެކަމާ އަޅުނގަޑުމެން މަޝްވަރާކުރަމުންދަނީ،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.