އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރު 46 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން ނިންމައި އެކަމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކޮށްފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްޕީ ނުހިމަނައި ޖުމުލަަކީ 58 މިލިއަން ރުފިޔާ އެވެ. އަދި އެ ބަޖެޓުގައި އޮފީސް އިމާރާތެއް އެޅުމަށް 34 މިލިއަން ރުފިޔާ ހިމަނައިގެން ބަޖެޓުގެ ޖުމުލަ ވަނީ 93 މިލިއަން ރުފިޔާ އަށް އެސްޓިމޭޓްކޮށްފަ އެވެ.

މާލިއްޔު ކޮމެޓީ އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމެޓީގެ އިއްތިފާގުން ނިންމާފައި ވަނީ 46 މިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް އޮޑިޓާ ޖެނެރަލް އޮފީހަށް ދިނުމަށެވެ. އެ އަދަދު ހަމަޖެއްސި ނަމަވެސް އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓު ތާށިވެ މަސައްކަތަށް ބުރުއަރާ ހާލަތެއް ދިމާވެއްޖެ ނަމަ އިތުރު ފައިސާ ދޫކުރުމަށް ފިނޭންސް މިިނިސްޓްރީ އަށް އަންގަން ވެސް މިއަދު އެކޮމެޓީ އިން ފާސްކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީ ގޯތި ތެރޭގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ އިމާރާތަށް ހާއްސަ ސަމާލުކަމެއްދީގެން އެ މަސައްކަތް އަވަހަށް ނިންމުމަށާއި އޮޑިޓް އޮފީހާއި މިނިވަން މުއައްސަސާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް މިއަދު މާލިއްޔަތު ކޮމެޓީ އިން ފާސްކޮށްފައިވެ އެވެ.

މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި އޮޑިޓް އޮފީހަށް 46 މިލިއަން ރުފިޔާ ދިނުމަކީ އެންމެ ރަނގަޅު މިންވަރު ކަމަށް ހުރިހާ މެމްބަރުންނޭ ބުނެވޭ ގޮތަށް އެއްބަސްވެފައިވާ އިރު ބައެއް މެމްބަރުން ހުށައަޅާފައި ވަނީ އެ އަދަދުން ނުވެއްޖެ ނަމަ އިތުރަށްދޭ އަދަދަދާ އެކު ޖުމުލަ ބަޖެޓް 58 މިލިއަނަށް ވުރެ އިތުރު ނުކުރުމަށެވެ. އަދި އެމްޑީޕީ އަށް ނިސްބަސްވާ މެމްބަރުން ވަނީ އޮޑިޓް އޮފީހުން އަންނަ އަހަރު އެޅުމަށް ރާވާފައިވާ އިމާރާތުގެ މަސައްކަތަށް ކޮންމެ ވެސް ވަރެއްގެ ބަޖެޓެއް ދިނުމަށް ހުށައަޅާފަ އެވެ. ނަމަވެސް މިއަދުގެ ކޮމެޓީ އިން 46 މިލިއަން ރުފިޔާގެ ބަޖެޓެއް އެކަނި ދިނުމަށް ނިންމާފައިވާ އިރު އިސްވެ ފާހަގަ ކުރި ދެ ކަންތަކަށް ގޮތެއް ނިންމާފައެއް ނުވެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކޮށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް ފިނޭންސް މިނިސްޓްރީ އަށް ފެންނަނީ އޮޑިޓް އޮފީހަށް ބަޖެޓްގެ ގޮތުގައި 46 މިލިއަން ރުފިޔާ ދިނުމަށް ކަމަށް އެ މިނިސްޓްރީ އިން ވެސް ވަނީ ބުނެފަ އެވެ.