ކޮންޓްރޯލާ އިލްޔާސް އިބްރާހިމްގެ ސަބަބުން ސަރުކާރުގެ ބޮލުގައި ބޮޑު ބަދުނާމެއް އެޅިގެންގޮސްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ބަދުނާމުތަކުން ސަލާމަތްވުމަށްޓަކައި ކޮންޓްރޯލާގެ މަގާމުން އިލްޔާސް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޑެޕިއުޓީ ސްޓޭޓް މިނިސްޓާ އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުއްވި ޑެޕިއުޓީ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު ސަން އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރޭ ވިދާޅުވީ، ސްޓޭޓް މިނިސްޓާ އިލްޔާސް އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދެވި އެފަދަ ބޮޑު ޕްރޮޖެކްޓެއްގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އޭސީސީން ނިންމުމާ ގުޅިގެން ސަރުކާރުގެ ބޮލުގައި ވަރަށް ބޮޑު ބަދުނާމެއް އެޅިގެން ގޮސްފައިވާ ކަމަށެވެ. އަދި އެފަދަ އިތުރު ބަދުނާމުތަކުން ސަލާމަތްވުމަށްޓަކައި އިލްޔާސް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޝައްކެއް ވެސް ނެތް އިލްޔާސް މިހާރު އެ ހުންނެވީ މިހާރު ފެއިލްވެފައި. އޮފީހެއް ހިންގަވަން ޖެހޭ އެއްވެސް ގޮތަކަށް ނޫން އޮފީހެއް ހިންގަނީ... އެހާ މުހިންމު ޕްރޮޖެކްޓެއް އެބޭފުޅާ ގެންދެވި ގޮތުން އެހާ ބޮޑު ބަދުނާމެއް ސަރުކާރު ވެގެން ދިޔައިމަ، ޚާއްސަކޮށް ޅަފަތުގައި އުޅޭއިރު، އެހާބޮޑު ބަދުނާމެއް އެބޭފުޅާގެ ސަބަބަން ސަރުކާރު ވެގެންދިޔައިމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެބޭފުޅާ އިސްތިއުފާ ދޭން ޖެހޭނެ. ނޫންނަމަ، އަނެއްކާ ވެސް މިފަދަ މައްސަލަތައް ތަކުރާރުވެގެންދާތަން ފެންނާނީ،" އާދަމް ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިލްޔާސަކީ އޮފީހުގައި އުޅުއްވާ އެހެނިހެން ވެރިން އެއްކިބާ ކޮށްލެއްވުމަށް ފަހު ވަރަށް "ޚުދްމުޚްތާރު"ކޮށް އަމަލުކުރައްވާ ބޭފުޅެކެވެ. "އިލްޔާސާ ކުރައްވާ ކަންކަމާ މެދު ހިތްހަމަނު ޖެހޭ ހުރިހާ ފަރާތެއް އިލްޔާސް ވަނީ ބާކީކުރައްވައިފައި. ސިވިލް ސާވިލް މުވައްޒަފުންކަމަށްވިޔަސް. ރައީސް އައްޔަންކުރައްވައިފައި ހުންނެވި ފަރާތެއް ކަމަށްވިޔަސް ތަފާތެއް ނުކުރައްވާ. އަޅުގަނޑަށް ދެންނެވިދާނެ ވަރަށް ޚުދްމުޚްތާރުކޮށޭ އޮފީސް ހިނގަމުން ދަނީ،"

އަދި އެނޫން ވެސް ގިނަ މައްސަލަތަކެއް އިމިގްރޭޝަން ތެރޭގައި ހިނގަމުންދާކަން އޭނާ ފާހަހަގަކުރެއްވި އެވެ.
"އޮފީސް ބަދަލުވުމުގެ މަރުހަލާގައި އަޅުގަނޑުމެން އުޅުނުއިރު ގާތްގަނޑަކަށް ތިން މަހަށް ވުރެ ގިނަ ދުވަސް ދިޔަ މިކިޔާ އޮފީހުގެ އިސްވެރިންގެ އެއްވެސް ބައްދަލުވުމެއް ނުބާއްވާ. ދުވަހުން ދުވަހަށް ނިންމަން ޖެހޭ ކަންކަން ހަމައެކަނި ކޮންޓްރޯލާ ނިންމަވަމުން ގެންދިޔަތަން. މިއަދު އެ މެނޭޖްމަންޓުގެ ބެސްޓް ޕްރެކްޓިސް އަކީ ކޮންޓްރޯލާ އަށް ފެނިލައްވާ ގޮތަށް އެކަނި ކަންކަން ނިންމަވަމުން ގެންދިއުން،" އާދަމް ނަސީރު ވިދާޅުވި އެވެ.

އަދި އިލްޔާސްއާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ:"އިލްޔާސަކީ އެމްޑީޕީގެ މެމްބަރެއް ނޫން. އިލްޔާސް މި ނިސްބަތްވަނީ ގައުމީ އިއްތިހާދަށް. އެހެންވެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެބޭފުޅާ މި ނަންގަވަނީ ސިޔާސީ ފައިދާތަކެއް. ރައްޔިތުން ސަރުކާރަށް އޮތް ތައީދު ގެއްލުވާ ލުމަށް އެބޭފުޅާ މިފަދަ ކަންކަން ކުރަމުން މިދަނީ."
މީގެ އިތުރުން އިމިގްރޭޝަނަކީ ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓަކަށް ވާއިރު، އިމިގްރޭޝަނުގުގައި ގިނަ މައްސަލަތަކެއް މިއަދު ފެންމަތިވެފައިވަނީ "އިމިގްރޭޝަނުގެ ހުރިހާ ހަރަކާތްތަކެއް ހޯމް މިނިސްޓްރީއަށް ދުވަހުން ދުވަހަށް ނުބެލޭތީ" ކަމަށް ވެސް އާދަމް ނަސީރު ވިދާޅުވި އެވެ. އަދި އެ މައްސަލަތައް އަވަހަށް ހައްލު ނުކޮށްފިނަމަ ހީވެސް ނުކުރާ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

ކޮންޓްރޯލާ އިލްޔާސްގެ ބަހެއް ހޯދުމަށް ސަން އިން ގުޅާލުމުން މިއަދު ހެނދުނު ވިދާޅުވީ، އާދަމް ނަސީރު ދައްކަވާ ވާހަކައަކާ ގުޅިގެން އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނޫން ކަމަށެވެ. އަދި އޭނާގެ މަޝްވަރާއާ ނުލައި، އޮފީހުގެ އެއްވެސް މުވައްޒަފަކަށާއި ވެރިއަކަށް ވެސް މީޑިއާ އަށް މައުލޫމާތު ނުދެއްވޭނެ ކަން އަންގަވާފައިވާނެ ކަމަށާއި އެހެންނަމަވެސް، އާދަމް ނަސީރު އެކަން ތަކުރާރުކުރަމުން ގެންދަވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އަދި އެކަމާ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.