23 Oct 2014, 14:36
މަދުރަސާތަކާއި ސްކޫލްތަކުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ޓަކައި ދުނިޔޭގެ އެހެން ގައުމުތަކުގައި އުފައްދާ އާ އީޖާދުތައް ރާއްޖެ އަށް ތަޢާރަފްކޮށް ޢިލްމީ ދިރާސާ ނުވަތަ ރިސާޗްތަކެއް ހަދަން ޖެހޭ ކަަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީގެ ފަރާތުން މިއަހަރު އަލަށް ތައާރަފް ކުރި"ރިސާޗް ގްރާންޓް ސުކީމް" ރިސާޗް ގްރާންޓް ކަމިޔާބު ކުރި މުވަޒިފުންނަށާއި ދަރިވަރުންނަށް ރަސްމީ ގޮތުން ގްރާންޓް ހަވާލު ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ މަދުރަސާތަކުގެ ފެންވަރު ރަނގަޅުކޮށް ދަރިވަރުން ހޯދާ ކާމީޔާބީ އިތުރުކުރުމަށް ޓަކައި އެހެން ގައުމަކުގައި އުފައްދާ އާ އީޖާދުތަކާއި ހަމަތަކާއި ދިވެހި އާ ގޮތްތައް ގެނެސް އަޖުމަ ބަލަން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތައް ވެސް އިލްމީ އިގްތިސާދެއްގެ ގޮތުގައި ކުރިއަރާފައި ވަނީ އެފަދަ ރިސާޗުތައް ކޮށްގެން ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދަރިވަރުންނަށް ދެވޭ ތަޢުލީމްގެ ފެންވަރު ކުރިއަރުވައި މަދުރަސާތަކުގެ ކިޔަވާދިނުން މިހާރަށް ވުރެ ރަނގަޅުކޮށް ތަރައްގީ ކުރުމަށް ރިސާޗަކީ ވަރަށް ބޭނުންތެރި އެއްޗެއް. މަދުރަސާތަކުގެ ކިޔަވައި ދިނުމުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރުމަށާއި އަދި ދަރިވަރުން ހޯދާ ކާމިޔާބީ އިތުރުކުރުމަށް އެހެން ގައުމުތަކުގައި ގެންގުޅޭ އާއީޖާދުތަކާއި ހަމަތަކާއި ދިވެހި އާ ގޮތްތަށް ހިޔާލުކޮށް އީޖާދުކޮށް އަޖުމަ ބަލައި ދިރާސާ ކުރަން އަޅުގަނޑުމެން ވަރަށް ބޭނުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ފަރާތުން އިސްނަގައިގެން އެފަދަ ކަމެއް ކުރުމަކީ އޭގެ ފައިދާ މުޅި ގައުމަށް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ރިސާޗް ހެދުމަށް ނިންމަފައިވާ ދާއިރާތަކަކީ ރާއްޖެ އަށް ވަރަށް ބޭނުންތެރި ދާއިރާތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ތަޢުލީ ދާއިރާއި އިޔާދަ ކުރަނިވި ހަކަތަ އަދި ހައިޑްރޯޕޯނިކް ހިމެނެ އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ތަފާތުއެކި ދާއިރާތަކުން ވީހާވެސް ގިނަ ފަރާތްތަކަކުން ގިނަ ޢިލްމީ ދިރާސާތަކެއް ހެދުމަކީ މިއަދު ރާއްޖެ އަށް ވަަރަށް ބޭނުންވެފައިވާ ކަމެއް ކަަމަށާއި އަދި އެކަމަށް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު އިއުތިމާސް ކުރެއްވި އެވެ.
ގައުމީ ޔުނިވާސިޓީ އިން މި އަހަރު އަލަށް ތަޢާރަފްކުރި "ރިސާޗް ގްރާންޓް ސުކީމް" ޔުނިވާސިޓީގެ ފަސް މުވަޒިފަކާއި އަދި ޑިގްރީ ފެންވަރުގައި ޔުނިވާސިޓީން ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރެއް ވަނީ ކާމީޔާބުކޮށްފަ އެވެ. އަދި ގައުމީ ޔުނިވާސިޓީ ބުނިގޮތުގައި އެ ރިސާޗްތައް ހެދުމަށް ގައުމީ ޔުނިވާސިޓީގެ ބަޖެޓުން ތިން މިލިޔަން ރުފިޔާ ހަރަދު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް އެ ސްކީމް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ގައުމީ ޔުނިވާސިޓީ ވަނީ ބުނެފަ އެވެ.