23 Oct 2014, 14:14
އެމެރިކާ އާއި އެގައުމާ ބައިވެރިވާ ގައުމުތަކުން ސޫރިޔާއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 553 މީހުން މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.
ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ އެޖަމާއަތުން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި އާއްމުންގެ 32 މީހުން ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރޭގައި ހަ ކުޑަކުދިންނާއި ފަސް އަންހެނުން ވެސް ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެމެރިކާ އާ ގުޅިފައިވާ ގައުމުތަކުން ދިން ހަމަލާތަކުގައި މަރުވި 553 މީހުންގެ ތެރެއިން 464 މީހުންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ކަމަށާއި ޖަބުހަތުއް ނުސްރާގެ 57 މީހުން ވެސް ހިމެނޭ ކަމަށް ވެސް ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަންރައިޓްސް އިން ބުންޏެވެ.
އިރާގާއި ސޫރިޔާގެ ބޮޑުބައެއް ކޮންޓްރޯލްކުރާ އައިއެސްއާ ދެކޮޅަށް އެމެރިކާއާއި ގުޅިފައިވާ ގައުމުތަކުން ދިން ހަމަލާތަކުގައި ގިނަ ބަޔަކު މަރުވި އިރު ސޫރިޔާ ސަރުކާރުން ބޮން އެޅުމުގެ ސަބަބުން ވެސް ސޫރިޔާގެ އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.