23 Oct 2014, 13:36
ރ. މީދޫގައި ކުޑަ އަންހެން ކުއްޖަކާ އެކު އޭނާގެ އާއިލާގެ މެމްބަރުންތަކެއް ޖިހާދަށް ދިޔަ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަން ފަށައިފި އެވެ.
މީދޫ ކައުންސިލް އިދާރާގެ އިންފޯމޭޝަން އޮފިސަރު ނަހުލާ އަލީ މިއަދު ސަން އަށް ވިދާޅުވީ އެ ރަށުން މިދިޔަ އީދު ޗުއްޓީ އަށް މާލެ އައި ގޮތަށް ހަބަރެއް ނުލިބިގެން އުޅެނީ އެ ރަށު ސިލްވަމޫން، އަހުސަން އިބްރާހީމް، 23، އާއި އޭނަގެ އަންހެނުންނާއި އޭނާގެ މަންމަ ސިލްވަމޫން އާމިނަތު އިބްރާހީމް އާއި ހަމަ އެގޭ އުމުރުން 10 އަހަރުގެ އަންުހެން ކުއްޖެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ކައުންސިލް އިދާރާ އަށް ހުށަހަޅާފައި ވަނީ އަހުޝަންގެ ބައްޕަ ކަމަށާއި އެމީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށް އެންގުމުން އެ މީހުން މި މަހުގެ ފަސް ވަނަ ދުވަހު އެއް ފްލައިޓަކުން ތުރުކީ އަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
"އީދު ޗުއްޓީ އަކަށް ދިޔަ ފަހުން ހަބަރެއް ނުވެގެން ކައުންސިލަށް ރިޕޯޓް ކުރީ. ފުލުހުންގެ ފަރާތުން އެބަ އޮތް އަންގާފައި އެމީހުން ތުރުކީ އަށް ދިޔަ ކަން، އެމީހުން ބޭސްފަރުވާއަކަށޭ ކިޔާފައި ދިޔައީ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މީދޫގެ ބަޔަކު ޖިހާދަށް ދިޔަ ކަމަށް ބުނެ ފުލުހުންގެ އިދާރާ އަށް ބަޔަކު ހުށަހަޅާފައިވާ މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅީ ކޮން ތާރީހެއްގައި ކަމެއް އަދި އެ ރަށުން ޖިހާދަށް ދިޔަ ކަމަށް ބުނާ ބަޔަކީ ކޮން ބައެއް ކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.
ދިވެހިންގެ ބަޔަކު މީގެ ކުރިން ވެސް ޖިހާދަށް ގޮސް، ހަނގުރާމައެއްގައި ބައިވެރިވި ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން މި އަހަރު ވަނީ ރިޕޯޓްކޮށްފަ އެވެ. އެމީހުންނަކީ ގ. ނިއުމޫން ހަސަން ޝިފާޒް އާއި ށ. ފުނަދޫ ވަގުތީ މަންޒިލް، އަލީ އާދަމެވެ. އެމީހުން މަރުވީ ސޫރިޔާގެ އަހުލީ ހަނގުރާމައިގައި ކަމަށް ބޭރުގެ ހަބަރުތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.