ރ. މީދޫ، ސިލްވާމޫން، އުމުރުން 23 އަހަރުގެ އަހުސަން އިބްރާހިމް މާލެ އައީ އޭނާގެ މަންމަ އާއި ކޮއްކޮ ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ ކަމަށާއި ނަމަވެސް މިހާރު އެމީހުން ތިބީ ރާއްޖެ އިން ބޭރުގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ބުނެފައިވާ ކަމަށް އަހުސަންގެ ބައްޕަ އިބްރާހިމް އަލީ ބުނެފި އެވެ.

އަހުސަންގެ ބައްޕަ އިބްރާހިމް އަލީ މިއަދު ސަން އަށް ބުނި ގޮތުގައި އޭނާގެ ދަރިފުޅު އަހުސަން އައިސްގެ ބެލުމުގެ ދަށަށް ގޮސްފައި ވަނީ އޭނާގެ އަންހެނުން އައިމިނަތު އިބްރާހިމް އާއި އޭނާގެ ދަރިފުޅު އުމުރުން 10 އަހަރުގެ އީމާ އިބްރާހިމްގެ އިތުރުން އަހުސަންގެ އަނބިމީހާ ޝިފާ އާއި އެކުކަމަށް ބުނެފައިވާ ކަމަށެވެ.

"އެމީހުން ވައިބާ އިން ފޮނުވީ މެސެޖެއް، އެ މެސެޖްގައި ބުނެފައި ވަނީ ތިއީ ކުފުރު ބިމެކޭ. ދެން ތި ބިމަކަށް ނުދާނަމޭ. ތިމަންނަމެން މިތިބީ އައިއެސްގެ ބެލުމުގެ ދަށުގައޭ،" އިބްރާހިމް ބުންޏެވެ. "އެމީހުން މާލެ އައި އިރު ނުބުނޭ ރާއްޖެ އިން ބޭރަށް ދާވާހަކައެއް، ވަރަށް ބޮޑު އޮޅުވާލުމެއް މިއީ،"

އިބްރާހިމް ބުނީ އެ މެސެޖަށް ފަހު ދެން އެމީހުންގެ ހަބަރެއް ނުވާ ކަމަށާއި އެ މެސެޖު ފޮނުވާފައި ވަނީ ހޯމަ ދުވަހު ކަމަށެވެ.

އިބްރާހިމް ބުނި ގޮތުގައި އޭނާގެ އާއިލާ މެމްބަރުން މާލެ އައި އިރު ވެސް އޭނާއާ ގާތް ގުޅުމެއް އޮންނަ ކަމަށާއި ނަމަވެސް މިހާރު އެމީހުންގެ ހަބަރެއް ނުވާ ކަމަށެވެ. އަދި އެމީހުން މިހާރު ތިބި ގައުމެއް ބުނަން ނޭނގޭ އިރު އެމީހުން ދިޔައީ ޖިހާދަށް ކަމަށް ސީދާ ބުނަން ނޭނގޭ ކަމަށް އިބްރާހިމް ބުންޏެވެ.

މީދޫ ކައުންސިލުން ބުނި ގޮތުގައި އެ ރަށު ކައުންސިލުން ފުލުހުންނަށް ހުށައަޅައިގެން ބެލިބެލުމުން މި މަހުގެ ފަސް ވަނަ ދުވަހު އެމީހުން ވަނީ ތުރުކީއަށް ގޮސްފަ އެވެ.

އިބްރާހިމް ބުނި ގޮތުގައި އޭނާގެ އަންހެނުންނާއި އޭނާގެ ދަރިފުޅު އަހުސަން އަކީ ވެސް ދީނީ ކަންތަކަށް ވަރަށް ލޯބި ކުރާ ބަޔެކެވެ.