23 Oct 2014, 12:30
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާން ހޯދުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށާއި އިރާދަ ކުރެއްވިއްޔާ އޭނާ ހޯދުމަށް ފަހު އާއިލާއާ ހަވާލުކޮށްދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުން މިދިޔަ ހުކުރު ދުވަހުގެ ރޭ ފިލައިގެން އުޅުނު ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް އަތުލައިގަތުމަށް ފުލުހުން ހިނގި އޮޕަރޭޝަނާ ބެހޭ ތަފްސީލު ޓީވީއެމްގެ ރޭގެ އަށެއްގެ ހަބަރަށް ދެއްވަމުން އުމަރު ވިދާޅުވީ ޝަހުމާއި ޖަލުން ފިލި ގއ. މާމެންދޫ ޖަވާހިރު ވާދީ ފަރިޔާޟް މުހައްމަދު ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން އެއްވެސް ވަރަށް ރިލުވާން ހޯދުމަށް ކުރަމުން އަންނަ މަަސައްކަތަށް އިހުމާލް ވެފައިނުވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރިލުވާން އަކީ ގޭންގަކަށް ނިސްބަތްވާ ކުށްވެރިއެއް ނޫން ކަމަށާއި ޝަހުމާއި ފަރިޔާޟްގެ މައްސަލަ އާއި ރިޟުވާންގެ މައްސަލަ އަކީ ވަރަށް ތަފާތު ދެ މައްސަލައެއް ކަމަށެވެ.
ރިލުވާން އަކީ އަމިއްލަ ފަރުދެއް، އެހެންވެ އަޅުގަނޑުމެންނަށް އެހާ ފަސޭހައެއް ނުވާނެ އޭނާ ހޯދާކަށް، ސަރުކާރުގެ ހުރިހާ ރިސޯސްއެއް ބޭނުންކޮށްގެން ރިލުވާން ހޯދޭތޯ އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތްތައް މިހާރު ވެސް މެދުނުކެނޑި ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ ރިލްވާން ވެސް ހޯދައި އޭނާގެ އާއިލާއާ ހަވާލުކޮށްދޭނަން،،" އުމަރު ވިދާޅުވި އެވެ.
މާފުށީ ޖަލުން ފިލި ޝަހުމާއި ފަރިޔާޟް ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ މަސައްކަތަކާ ގުޅިގެން ރިލުވާން ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ހުރަހެއް އެޅިފައިނުވާ ކަމަށާއި ރިލުޥާން ހޯދުމަށް ކުރަމުން އަންނަ މަަސައްކަތް ވެސް ކާމިޔާބު ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރިލުވާން ގެއްލުނު ފަހުން ދެ މަސް ވެފައިވާ އިރު މިހާތަނަށް އޭނާ ހޯދުމަށް މާލެ އާއި ވިލިމާލެ އާއި ވިލިނގިލީގެ ހުޅުމާލެ މާލޭގެ ކަނޑުގެ ސަރަހައްދު ސިފައިންނާ ގުޅިގެން ފުލުހުން ވަނީ ހޯދައިފަ އެވެ. އެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކުރުމަށް ފަހު އޭގެތެރެއިން ތިން މީހަކު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.