23 Oct 2014, 12:17
އެމެރިކާގެ ރައީސް ދިރިއުޅުއްވާ ވައިޓް ހައުސްގެ ފެންސުމަތީން އަނެއްކާ ވެސް މީހަކު ފުންމާލައި ސީކްރެޓް ސާވިސްގެ ކުއްތާ އަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި އެވެ.
ރޮއިޓާސް އިން މިއަދު ބުނީ ހައްޔަރުކުރީ މެރީލޭންޑަށް ނިސްބަތްވާ 23 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާގެ އަތުގައި އެވަގުތު ހަތިޔާރު ނެތް ކަމަށެވެ. އަދި އޭނާ ވަނީ ގަމީސް މައްޗަށް ނަގައި ހަތިޔާރު ނެތް ކަން ދައްކައިފަ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ވައިޓް ހައުސްގެ ހުޅުނގު ފެންސުމަތީން ފުންމާލި މީހާއާ ފުރަތަމަ ކުރިމަތިލަނީ ސީކްރެޓް ސާވިސްގެ ކުއްތާތަކެވެ. އެމީހާ ހައްޔަރު ކުރުމަށް 90 ވަރަކަށް މިނިޓް ނެގި އެވެ. އަދި އެ މީހާ އަށް ހަމަލާދިން ކުއްތާ އަށް އޭނާ ރައްދުގައި ހަމަލާދިނުމުން ދެ ކުއްތާއަކަށް އަނިޔާވިތަން ވީޑިއޯ އިން ފެނެ އެވެ.
އެ ހާދިސާގައި ސީކްރެޓް ސާވިސްގެ ދެ ކުއްތާ އަަށް ލިބުނު އަނިޔާ އަށް ފަރުވާ ދިނުމަށް ވަނީ ޑޮކްޓަރަށް ގެންގޮސްފަ އެވެ.
ވައިޓް ހައުސްގެ ފެންސުމަތީން މީހަކު ފުއްމާލާފައި މި ވަނީ ވަޅިއަކާ އެކު މީހަކު ވައިޓް ހައުސްގެ ފެންސުމަތީން ފުންމާލިތާ ގާތްގަނޑަކަށް މަސް ދުވަހުގެ ތެރޭގަ އެވެ. ހަތިޔާރު އެޅި ސިފައިންނާ އެކު ބަލަހައްޓާ ގޯއްޗަށް މީހަކު ހަތިޔާރާ އެކު ވަން ހާދިސާއާ ގުޅިގެން ސީކްރެކްޓް ސާވިސް ޑައިރެކްޓަރު ޖޫލިއާ ޕައިސަން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ސީކްރެޓް ސާވިސް އިން ބުނީ ބުދަ ދުވަހުގެ އިރު އޮއްސި 7:15ގައި ވައިޓް ހައުސްގެ ފެންސުމަތިން ފުންމާލި މީހާ ވަގުތުން ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް ފަހުން ވަނީ އޭނާ އަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ހޮސްޕިޓަށް ގެންގޮސްފައި ކަމަށެވެ.