ބަޖެޓުން އޮޑިޓް އޮފީހަށް ދިނުމަށް ފާސްކޮށްފައިވާ ފައިސާ ހަރަދުކުރުމުގައި އޮޑިޓް އޮފީހަށް އިހުތިޔާރު ނޯންނަ ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ކޮމެޓީ އިން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ނިޔާޒް ވިދާޅުވީ ފައިސާ ހަރަދު ކުރުމުގެ މިނިވަންކަން އޮޑިޓާ ޖެނެރަލަށް ވަރަށް މުހިންމު ކަމަށާއި ނަމަވެސް އޮޑިޓް އޮފީހަށް ފާސްކޮށްފައިވާ ބަޖެޓުން ފައިސާ ހަރަދުކުރުމުގެ އިހްތިޔާރު ލިބިގެން ނުވާ ކަމަށެވެ.

"ގާނޫނުން އޮޑިޓާ ޖެނެރަލް އޮފީހަށް ފައިސާގެ މިނިވަންކަން ޔަގީކަން ކޮށްދީފައި އޮތް އިރު، ފިނޭންސް މިނިސްޓްރީގެ ތެރެއިން ފައިސާގެ ކަންކަން ޕޮރޮސެސް ކުރަންޖެހޭތީވެ ފިނޭންސް މިނިސްޓަރު ބޭނުން އިރެއްގައި ފައިސާ ހިފަހައްޓަނީ. އޮޑިޓް އޮފީހަކަށް ނޯވޭ އެއްވެސް އިހްތިޔާރެއް ހަރަދުކުރުމުގައެއް،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒް ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ އޮޑިޓް އޮފީހުގެ ބަޖެޓުން އެތައް ފައިސާއެއް އުނިވެސް ކޮށްފައިވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ވިދާޅުވީ ދައުލަތުގެ ހުރިހާ އޮފީހެއްގެ ބަޖެޓުން ވެސް ރިކަރަންޓް ހަރަދުން ބައެއް އުނިކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އޮޑިޓާ ޖެނެރަލް އޮފީސް ވެސް ހިމެނޭ ކަމަށެވެ.

އޮޑިޓް އޮފީހަށް ފައިސާ ދިނުމުގައި ދަތިތަކެއް އުޅޭތީ ރައީސުލްޖުމްހޫރިއްޔާ އަށް އެކަން ހުށައެޅުމުން ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީ އަށް ލިޔުމަކުން އަންގާފައި ވަނީ ސަރުކާރުގެ އެހެން އޮފީސްތަކުގެ ބަޖެޓަށް އަމަލު ކުރާ އުސޫލާ ހިލާފަށް މަޖިލީހުން އޮޑިޓާ ޖެނެރަލް އަށް ދީފައިވާ ބަޖެޓު ދޫކުރުމަށް ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް ވިދާޅުވި އެވެ.

އެކަމަށް ރައްދުދެއްވައި ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ އޮޑިޓް އޮފީހުން ފޮނުވާފައިވާ އެއްވެސް ބިލެއް ހިފަހައްޓާފައި ނުވާ ކަމަށާއި ބިލެއް ފޮނުވާއިރަށް ފައިސާ ދޫކުރަމުންދާ ކަމަށެވެ.