23 Oct 2014, 11:17
ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކާމިޔާބުކުރި 70 ވަނަ ގޯލާ އެކު ޗެމްޕިއަން ރެއާލް މެޑްރިޑުން ލިވަޕޫލްގެ މައްޗަށް ކުރިހޯދައިފި އެވެ.
އިނގިރޭސި ވިލާތުގެ އެންފީލްޑުގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް ކުރިހޯދީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފުގެ 23 ވަނަ މިނުޓުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން އިރު މިއީ މިސީޒަންގައި އޭނާ ކުޅުނު 13 މެޗުން ކާމިޔާބުކުރި 20 ވަނަ ގޯލެވެ. ރޮނާލްޑޯގެ ގޯލާ އެކު މެޗުގެ އޮއިވަރު ބަދަލުވެ މުޅި މެޗު ޑޮމިނޭޓް ކުރަމުން ގެންދިޔަ ރެއާލުން ދެވަނަ ގޯލް ޖެހީ 30 ވަނަ މިނުގަ އެވެ. ޓޯނީ ކްރޫސް ނަގައިދިން ހުރަހަކުން މިގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވަޑް ކަރިމް ބެންޒީމާ އެވެ.
ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ބެންޒީމާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލިވަޕޫލްގެ ސަޕޯޓަރުން މާޔޫސްކޮށްލައިފަ އެވެ.
ރެއާލް މެޑްރިޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެޓީމަށް ވަނީ އިތުރު ގޯލްތަކެއް ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. މިގޮތުން ފުރަތަމަ ހާފުގައި އޭރިއާ ބޭރުން ރޮނާލްޑޯ ފޮނުވާލި ހަމަލާ ގޯލްގެ އަރިމަތިން ބޭރަށް ދިޔައިރު ދެވަނަ ހާފުގައި އޭނާގެ ހަމަލާތަކުގެ ހުރަހަކަށްވީ ލިވަޕޫލްގެ ކީޕަރު ސައިމަން މިގްނޮލެޓް އެވެ.
ލިވަޕޫލް އިންވެސް ވަނީ ދެހާފުގައި ވެސް ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. މިގޮތުން ފުރަތަމަ ހާފުގައި ކެޕްޓަން ސްޓީވެން ޖެރާޑް ފޮނުވާލި ހަމަލާ ކަސިއަށް ދިފާއުކުރި އިރު އެ ޓީމުގެ ޒުވާން ކުޅުންތެރިއާ ފިލިޕް ކޫޓީނިއޯ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއާ އެވެ.
ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ގްރޫޕް ބީގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ ނުވަ ޕޮއިންޓާއެކުގަ އެވެ. ދެވަނައިގައި ބާސެލް އޮތް އިރު ރެއާލް އަތުން ބަލިވި ލިވަޕޫލް އޮތީ ގްރޫޕްގެ ފުލުގަ އެވެ.