23 Oct 2014, 11:10
ޔުއެފާ ޗެމްޕިއަންސް ލިގުގައި ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި ޑޯޓްމައުންޑްވެސް މޮޅުވެއްޖެ އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރޫޕް ޑީގައި ކުޅުނު ފުރަތަމަ މެޗުގެ އިތުރު މިނުޓުގައި ޕޮޑޮލްސްކީ ޖެހި ގޯލުން އަންދްރަލެޓްގެ މައްޗަށް އިނގިރޭސި ވިލާތުގެ އާސެނަލް އިން ކުރިހޯދީ ފަހަތުން އަރައި 2-1 ންނެވެ.
ބެލްޖިއަމްގެ ސްޓޮކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ އަންދްރަލެޓް އިންނެވެ. ދެވަނަ ހާފުގެ 71 ވަނަ މިނުޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އޭންޑީ ނަޖާ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް އާސެނަލްގެ ލެފްޓް ބެކް ކިއެރަން ގިބްސް ވަނީ ގޯލެއް ޖަހައި އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ޖަރުމަނުގެ ކުޅުންތެރިއާ ލޫކަސް ޕޮޑޮލޮސްކީ ވަނީ އިތުރު މިނުޓުގައި ގޯލެއް ޖަހައި އާސެނަލް އަށް މުހިއްމު ތިން ޕޮއިންޓް ކަށަވަރު ކޮށްދީފަ އެވެ.
ރޭ މިގްރޫޕުގައި ދެން ކުޅުނު މެޗުގައި ތުރުކީގެ ގަލަޓަސަރާއީ އާ ވާދަކޮށް ބޮރޫޝިއާ ޑޯޓްމައުންޑް ކުރިހޯދީ 4-0 ންނެވެ. ފުރަތަމަ ހާފުގައި 3 ގޯލް ފެނިގެން ދިޔަ އިރު ޑޯޓްމައުންޑް ޖެހި ފުރަތަމަ ދެގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޕިއެރިކް އައުބެމަޔާންގެ އެވެ. އޭނާ ގޯލްތައް ޖަހައިފައި ވަނީ މެޗުގެ އަށް ވަނަ މިނުޓުގަ އާއި 18 ވަނަ މިނުގަ އެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މާކޯ ރޮއިސް ވަނީ ޑޯޓްމައުންޑަށް ލީޑު ފުޅާ ކޮށްދީފައިވަނިކޮށް އެ ޓީމުގެ ހަތަރު ވަނަ ގޯލް 83 ވަނަ މިނުގައި ކާމިޔާބުކޮށްދިނީ އެޑްރިއަން ރާމޮސް އެވެ.
މި ނަތީޖާތަކާ އެކު މި ގްރޫޕުގެ އެއްވަނައިގައި ޑޯޓްމައުންޑް ނުވަ ޕޮއިންޓާ އެކު އޮތް އިރު ދެވަނައިގައި އާސެނަލް އޮތީ ހަ ޕޮއިންޓާއެކުގަ އެވެ. ތިންވަނައިގައި އަންދްރަލެޓް އޮތް އިރު ގްރޫޕުގެ ފުލުގައި އޮތީ ގަލަޓަސަރާއީ އެވެ. މި ދެ ޓީމަށް ވެސް ލިބިފައި ވަނީ އެއްމެ ޕޮއިންޓެކެވެ.