މިހާރު ކުރިއަށްދާ 22 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ހަވަނަ މެޗުގައި ދަ ބައުސް އާއި ބައްދަލުކޮށް ހަ ޕޮއިންޓުގެ ތަފާތުން ކްލަބް ޕީކޭގެ ދެވަނަ މެޗުން މޮޅުވެއްޖެ އެވެ.

ހޯމަ ދުވަހު ޔޫއެން ފްރެންޑްސް އާ ދެކޮޅަށް މުބާރާތުގައި ކުޅުން ފުރަތަމަ މެޗުން ކްލަބް ޕީކޭ ވަނީ 23 ޕޮއިންޓުގެ ތަފާތަކާއެކު ބަލިވެފަ އެވެ.

ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ދިޔަ މި މެޗުގައި ރޭ ދަ ބައުސްއާ ވާދަކޮށް ކްލަބް ޕީކޭ މެޗު ކާމިޔާބު ކުރީ، 71-65 ޕޮއިންޓުންނެވެ.

މި މެޗުގައި ޕީކޭ އަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ، 23 ޕޮއިންޓް ހޯދާފައިވާ އަހުމަދު ސާއިފް އެވެ. ދަ ބައުސް އަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ، 17 ޕޮއިންޓު ހޯދައިދިން ތަންވީރު އަހުމަދެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކްލަބް ޕީކޭގެ މުހައްމަދު ލަޔާން އެވެ.

މުބާރާތުގައި މިއަދު ހަވީރު 1600ގައި މެޗެއް ކުޅޭ އިރު މިރޭ 2030 ވެސް މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ސައިކްލޯން ބީސީއާއި އާރުއެލް ސިޓީއާ އެވެ. އަދި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ސްޓިންގާސް ބީސީ އާއި ވީ ޔުނައިޓެޑް އާ އެވެ.