އެތްލެޓިކޯ އިން ސްވިޑަންގެ މަލްމޯ އެފްސީ ކޮޅަށް ފަސް ލަނޑު ޖެހި އިރު އޮލިމްޕިއާކޮސް އަތުން އިޓަލީގެ ޖުވެންޓަސް ބަލިވެއްޖެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އިން މަލްމޯ އެފްސީގެ މައްޗަށް ކުރިހޯދީ 5-0 އިންނެވެ. ސްޕެއިންގެ އެސްޓާޑިއޯ ކަލްޑްރޯންގައި ކުޅުނު މެޗުގެ 48 ވަނަ މިނުޓުގައި އެތްލެޓިކޯ އަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފޯވަޑް ކޯކޭ އެވެ.

ކޮރޮއޭޝިއާގެ ފޯވަޑް މާރިއޯ މަންޒުކިޗް ދެވަނަ ހާފުގެ 61 ވަނަ މިނުޓުގައި ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދިން އިރު އޭގެ އިރުކޮޅެއް ފަހުން އެ ޓީމުގެ ތިން ވަނަ ގޯލް އެންޓޮއިން ގްރައިޒްމަން ވަނީ ކާމިޔާބުކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް އެތްލެޓިކޯގެ ކެޕްޓަން ޑިއޭގޯ ގޮޑިން ލަނޑު ލިސްޓުން ޖާގަ ހޯދިއިރު މެޗުގައި އެ ޓީމުން ޖެހި ފަސްވަނަ ލަނޑު އިތުރު މިނުޓުގައި ކާމިޔާބުކޮށްދިނީ އެލޭސިއޯ ސާސީ އެވެ.
މި ގްރޫޕްގައި ދެން ކުޅުނު މެޗުގައި އޮލިމްޕިއާސް އާ ވާދަކޮށް އިޓަލީގެ ޗެމްޕިއަން ޖުވެންޓަސް ބަލިވީ 1-0 ންނެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފޯވަޑް ޕަޓްޖިމް ކަސާމީ އެވެ.

މި ނަތީޖާ ތަކާއެކު މި ގްރޫޕްގެ އެއްވަނައިގައި އެތްލެޓިކޯ އޮތީ ހަ ޕޮއިންޓާއެކުގަ އެވެ. ދެވަނައިގައި އޮލިމްޕިއާކޮސް އޮތްއިރު ޖުވެންޓަސް އޮތީ ތިންވަނައިގަ އެވެ.