ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތަޢުލީމު ހާސިލު ކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީ އިން ދޫކުރާ "ޓާޝަރީ ސްޑަންޓެންސް ލޯން ސުކީމް"އަށް 370 ކުދިން ކުރިމަތިލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ޓާޝަރީ ލޯން ސްކީމަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހަށް ހަމަވި އިރު ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތަޢުލީމު ހާސިލު ކުރުމަށް ޓަކައި ކުރިމަތި ލާފައި ވަނީ 370 ކުދިން ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ކުރިމަތިލީ ކުދިންގެ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކަަމަށް އަޒްލީން ވިދާޅުވި އެވެ.

"ޓާޝަރީ ލޯން ސުކީމަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހަށް ވަނީ ހަމަވެފައި. ދެން ލޯނަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވި އިރު 370 ކުދިން ވަނީ ކުރިމަތި ލާފައި. އަޅުގަނޑުމެން މިހާރު ކުރިއަށް މި ގެންދަނީ އެ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް،" އަޒްލީން ވިދާޅުވި އެވެ.

ޓާޝަރީ ލޯން ސުކީމްގެ ދަށުން ރާއްޖޭގައި ތިބެގެން މަތީތަޢުލީމު ހާސިލު ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 125 ދަރިވަރުންނަށެވެ. އަދި ރާއްޖެ އިން ބޭރުން މަތީ ތަޢުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް މިފަހަރު ހުޅުވާލާފައި ވަނީ 105 ފުރުސަތެވެ.

ރާއްޖޭގައި ތިބެގެން ކިޔަވަން ބޭނުންވާ ކުދިންގެ ތެރެއިން ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ދެނީ 75 ދަރިވަރުންނަށެވެ. އަދި ރާއްޖޭގައި ތިބެގެން ޑިޕްލޮމާ އަށް ކިޔެވުމުގެ ފުރުސަތު ދޭނީ 50 ދަރިވަރުންނަށެވެ.

ރާއްޖެ އިން ބޭރަށް ކިޔެވުމުގެ ފުރުސަތު ދޭނީ ހަމައެކަނި ޑްގްރީ އަށް ކިޔެވުމަށް ކިޔަވާ ކުދިންނަށް ކަަމަށް އެޑިއުކކޭޝަނުން ވަނީ ބުނެފަ އެވެ. އެގޮތުން ރާއްޖެ އިން ބޭރުން ޑިގްރީ ހާސިލް ކުރުމުގެ ފުރުސަތު 105 ދަރިވަރުންނަށް ދޭނެ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.