ކަރަންޓު ޙަރަދު ފަދަ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ގެއްލިގެން ދަނީ ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ ވަރަށް ބޮޑު ރައުސުލްމާލެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެނާޖީ ދުވަހާ ގުޅުވައިގެން އެސްޓީއޯ އިން މިއަދު ރަސްމީކޮށް ފެށި ކެމްޕޭނެއް ލޯންޗްކުރުމަށް އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ކުރިއަރަމުން އަންނަ ޖީލަށް ކަރަންޓް ޙަރަދު ކުޑަކުރަން ދަސްކޮށްދޭން ޖެހޭ ކަމަށާއި އެހެން ނުވެއްޖެ ނަމަ އެ ބޮޑު ރައުސުލްމާލު ސަލާމަތް ނުކުރެވޭ ކަމަށެވެ.

"ކޮންމެ އަހަރަކު ވެސް ލިބޭ ފޮރިން ކަރަންސީގެ ބޮޑުބައެއް ދަނީ އަލިފާނަށް އަނދައިގެން. އެހެންވީމަ އެއަށް ވުރެ މާ ރަނގަޅުވާނެ ގޭތެރޭގައި ބޭނުންވާ މިނިމަމް އެމައުންޓް [އެންމެ މަދު މިންވަރު] ބޭނުންކޮށްގެން އެ މަސައްކަތް ކޮށްފި ނަމަ. އެހެން ގައުމުތައް ވެސް ކުރި އަރާފައި ވަނީ އެނާޖީ ސޭވްކޮށްގެން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ގައުމުގެ ޖީޑީޕީގެ ގާތްގަނޑަކަށް 30 ޕަސެންޓް ތެޔޮ އެތެރެ ކުރުމަށް ކޮންމެ އަހަރަކު ވެސް ޚަރަދުވާ އިރު އެއީ ގާތްގަނޑަކަށް 300 އާއި 500 މިލިއަންއާ ދެމެދުގެ ރުފިޔާގެ ކަމަށެވެ. އަދި އެ 30 ޕަސެންޓް ރައްކާ ކުރެވުނަސް އެއީ އަހަރަކަށް ބަލާ ނަމަ 75 އާއިލާގެ ގެދޮރު ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން މިއަދު ގައުމުގެ ޚަރަދުތައް ބޮޑުވެގެން ދާއިރު މުޅިން ވެސް ހުރީ އެ ޚަރަދުތައް ކުޑަކުރެވިދާނެ ގޮތްތައް ކަމަށް އާޒިމް ވިދާޅުވި އެވެ. އެގޮތުން ކުޑަ ކުދިންނަށް ކަރަންޓް ޙަރަދުކުޑަކުރަން ދަސްކޮށްދީ އެ ސަގާފަތް ވެސް އަށަގަންނުވަން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެގޮތުން ޖަރުމަނު ފަދަ ދުނިޔޭގެ ބޮޑަތި މުއްސަނދި ގައުމުތައް ވެސް އެފަދަ ބޮޑު ކުރިއެރުމެއް ލިބިފައިވާ އަސްލު ހަގީގީ ސަބަބަކީ އެނާޖީ ސޭވިން ނުވަތަ ކަރަންޓް ޙަރަދު ކުޑަކުރުމަށް އެމީހުން ކުރާ މަސައްކަތްތައް ކަމަށާއި އެކަމަށް ބޭނުން ވާނީ ކުޑަ ހިތްވަރެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.