މީރާންޝާހް (އޮކްޓޯބަރު 23) :ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުންގެ ތަރްޖަމާން ޝަހީދުﷲ ޝަހީދު އައިއެސް ޖަމާއަތާ ގުޅުނު ކަމަށް ޚަބަރު ލިބިއްޖެ އެވެ.

މިކަން ހާމަވެފައި ވަނީ ގޮތްނޭނގޭ ފަރާތަކުން އިންޓަނެޓްގައި ޝާއިއުކޮށްފައިވާ އޯޑިޔޯ ކްލިޕް އަކުން ނެވެ. ނަމަވެސް މިކްލިޕްގައި ވަނީ ސައްހަ މަޢްލޫމާތެއްކަން ކަށަވަރު ވެފައެއްނުވެ އެވެ. މިއޯޑިޔޯ ކްލިޕްގައި ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ޝަހީދުﷲ ޝަހީދުގެ އިތުރުން މުއްލާ ފަޟްލުﷲގެ ޒަޢާމަތާ މެދު ހިތްހަމަ ނުޖެހިފައިތިބި ތާލިބާނުންގެ ބައެއް ލީޑަރުންނާއި ބައެއް ކޮމާންޑަރުން މިހާރު އައިއެސް ޖަމާއަތާ ގުޅިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ޕާކިސްތާން ދޫކޮށް އިރާގަށާއި ސޫރިޔާ އަށް ގޮސްފައިވާކަމުގަ އެވެ.

ތާލިބާނުން ބުނީ ޝަހީދުﷲ ޝަހީދަކީ މިހާރު އެޖަމާއަތުގެ ތަރްޖަމާން ނޫން ކަމަށާއި އޭނާ އައިއެސްއާ ގުޅުނުކަމުގެ މަޢްލޫމާތު މާކުރިން ލިބިފައި ވާތީ ތަރްޖަމާނު ކަމުގެ މަގާމުން އޭނާ ވަކިކޮށްފައިވާ ކަމުގަ އެވެ. ތާލިބާނުންގެ ތެރޭގައި ކުރިން ނުފޫޒު ގަދަ މީހެއް ކަމަށްވާ ޝަހީދުﷲ ޝަހީދު އައިއެސް ޖަމާއަތާ ގުޅުމަކީ ޕާކިސްތާން ތާލިބާނުންގެ ލީޑަރޝިޕްގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ މިންވަރު ހާމަވެގެންދިޔަ ކަމެއްކަމަށް މުރާސިލުން ވަނީ ސިފަކޮށްފަ އެވެ.

ޕާކިސްތާން ތާލިބާނުންގެ ލީޑަރޝިޕް ގައި ޚިޔާލުތަފާތުވުންތައް އުފެދިގެންދިޔައީ އެ ޖަމާއަތުގެ ކުރީގެ ޒަޢީމް ބައިތުﷲ މަޙްސޫދު އެމެރިކާގެ ވައިގެ ޙަމަލާތަކެއްގައި މިދިޔަ އަހަރުގެ ފަހުކޮޅު މަރުވުމަށް ފަހު އެޖަމާއަތުގެ ޒައީމަކަށް އިސްކުރި މުއްލާ ފަޟްލުﷲ އަށް މަޙްސޫދުގެ އާއިލާގެ ތާއީދާއި އެއްބާރުލުން ނުލިބުމާ ގުޅިގެންނެވެ. ޕާކިސްތާން ތާލިބާނުންގެ ތެރޭގައި އެންމެ ބާރުގަދަ އަދި އެންމެ ނުފޫޒު ހިނގާ އާއިލާއަކީ މަޙްސޫދުގެ އާއިލާ އެވެ. މުއްލާ ފަޟްލުﷲ އަކީ މަޙްސޫދުގެ އާއިލާއަށް ނިސްބަތްވާ މީހަކަށް މީހަކަށް ނުވާތީ އޭނާގެ ލީޑަރޝިޕަށް ތާއީދުކުރުމަށް މަޙްސޫދުގެ އާއިލާ ވަނީ ފަސްޖެހިފައިކަން ތާލިބާނުންގެ ބައެއް އިސްފަރާތްތަކުން ވެސް ކުރިންހާމަކޮށްފައިވެ އެވެ. މިމައްސަލާގައި ތާލިބާނުންގެ ޒަޢާމަތުގެ ތެރޭގައި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އުފެދުނު ބައިބައިވުންތަކުގެ ސަބަބުން ޕާކިސްތާން ސިފައިންނާ ދެކޮޅަށް އެޖަމާއަތުން ކުރަމުން ގެންދާ ހަނގުރާމައިގާ ވެސް އެޖަމާއަތަށް ވަނީ ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާންޖެހިފަ އެވެ.

ތާލިބާނުންގެ ތަރްޖަމާން ޝަހީދުﷲ ޝަހީދު އައިއެސް ޖަމާއަތާ ގުޅުމާބެހޭ ގޮތުން އެޖަމާއަތުގެ ލީޑަރޝިޕުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާ ތާލިބާނުންނާ ގުޅުންނެތް ކަމަށާ ޕާކިސްތާން ތާލިބާނުންގެ ތާއީދުއޮތީ އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަށާއި އެޖަމާއަތުގެ ޒަޢީމް މުއްލާ މުޙައްމަދު އުމަރަށް ކަމުގައެވެ. ޕާކިސްތާން ތާލިބާނުންގެ މިހާރުގެ ޒަޢީމް މުއްލާ ފަޟްލުﷲ ތަންކޮޅެއް ކުރިންވަނީ އޭނާގެ ޖަމާއަތާއި އައިއެސް ޖަމާއަތާ ގުޅުންނެތްކަން ހާމަކޮށްފަ އެވެ.

އިރާގާއި ސޫރިޔާގައި އިސްލާމީ ޚިލާފަތެއްގެ ނަމުގައި އަމިއްލަ ވެރިކަމެއް ގާއިމް ކޮށްގެންއުޅޭ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތާއި ޕާކިސްތާނުގައި އިސްލާމީ ޝަރީޢަތް ގާއިމް ކުރުމުގެ ނަމުގައި ޕާކިސްތާނުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަ އިޢްލާން ކޮށްފައިވާ ތާލިބާން ޖަމާއަތާ ދެމެދު އެއްގޮތް ކަންތައްތައް ހުރި ނަމަވެސް މިދެ ޖަމާއަތުގެ މެދުގައި އަސާސީ ބޮޑެތި ޚިލާފްތަކެއް ވެސް ހުރިކަން ދާދިފަހުންވަނީ ހާމަވެފަ އެވެ. ބޮންގޮއްވުން ފަދަ ހަރުކަށި އަމަލުތައް ހިންގަމުންގެންދާ މިދެ ޖަމާއަތުގެ ތެރެއިން އައިއެސް ޖަމާއަތަކީ އަލްގާއިދާއާ ދުޝްމަން ޖަމާއަތަކަށްވާ އިރު ތާލިބާން ޖަމާއަތަކީ އަލްގާއިދާއާ ގުޅިފައިވާ އަދި އަލްގާއިދާގެ ލީޑަރުންނަށް ހިޔާވަހިކަންދޭ ޖަމާއަތެކެވެ.

އައިއެސްގެ ބާރާއި ނުފޫޒު ދެކުނު އޭޝިޔާ ސަރަހައްދަށް އައުމަކީ ތާލިބާނުންނަށް ހުރި ނުރައްކަލެއް ކަމަށް ބުނެ ތާލިބާނުންގެ ބައެއް އިސްވެރިއަކު ތަންކޮޅެއްކުރިން ބަޔާނެއް ވެސް ދީފައިވެ އެވެ. ތާލިބާން ލީޑަރުން އައިއެސްއާ މެދުކަންބޮޑުވަނީ އެޖަމާއަތް ދެކުނު އޭޝިޔާއަށް ފެތުރިއްޖެ ނަމަ އެސަރަހައްދުން ތާލިބާނުންގެ ބާރާއި ނުފޫޒު ކުޑަވެގެން ދިޔުމުގެ ބިރުއޮތުމުން ކަމަށްވަނީ ބެލެވިފަ އެވެ. (އަލްޖަޒީރާ)