އޮޓަވާ (އޮކްޓޯބަރ 23) : ޓެރަރިސްޓުންނަށް ކެނެޑާ އަށް ބިރު ނުދެއްކޭނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ސްޓީވަން ހާޕާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ހަތިޔާރު އަޅައިގެން ހުރި މީހަކު ކެނެޑާގެ އޮޓަވާގައި އިއްޔެ ދިން ބަޑީގެ ޙަމަލާތަކެއްގައި އެގައުމުގެ ސިފައިންގެ މީހަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވުމާ ގުޅިގެންނެވެ. ކެނެޑާގެ ފުލުހުން ބުނާ ގޮތުން ހަތިޔާރު އަޅައިގެން ހުރިމީހާ ބަޑިން ފުރަތަމަ ޙަމަލާތައް ދީފައި ވަނީ އެގައުމުގެ ޕާލަމެންޓަށާއި ޕާލަމެންޓްގެ ބޭރުގައި ހަދާފައިވާ ހަނގުރާމައިގެ ހަނދާނީ ބިނާއަކަށެވެ. އެ ބިނާ އަށް ޙަމަލާތައް ދިނުމަށް ފަހު އެމީހާ އެތަނުގެ ކައިރީގައިވާ ކެނެޑާގެ ޕާލަމެންޓް އިމާރާތަށް ވަދެގަނެ ބަޑިން ޙަމަލާތަކެއް ދިން ކަމަށާއި ފުލުހުންނާއި ހަތިޔާރުއެޅި މިހާއާ ދެމެދު ޕާލަމެންޓް އިމާރާތުގެ ތެރޭގައި ބަދަލުކުރެވުނު ޙަމަލާތަކުގައި އެމީހާ ވަނީ މަރާލާފަ އެވެ. ކެނެޑާ ފުލުހުން ކުރިން ވަނީ ހަތިޔާރުއެޅި އެކަކަށް ވުރެ ގިނަ މީހުން ތިބިކަމަށް ޝައްކުކޮށް ބަޔާނެއް ދީފަ އެވެ.

މީގެ ދެ ދުވަސްކުރިން ހަތިޔާރުއެޅި ފަރާތަކުން އޮޓަވާގައި ދިން އެހެން ޙަމަލާތަކެއްގައި ކެނެޑާ ސިފައިންގެ މީހަކު މަރާލާފައިވެ އެވެ. އޮޓަވާގައި ހަރަކާތްތެރިވި ހަތިޔާރުއެޅި ފަރާތަކަކީ ކޮންފަރާތެއްކަން ސާފުނުވާ އިރު އެކަކަށް ވުރެ ގިނަ މީހުން މިކަމުގައި ޝާމިލްވާ ކަމަށް ބެލެވޭތީ ކެނެޑާގެ ފުލުހުންނާއި ސިފައިން އަދިވެސް ތިބީ ތައްޔާރީ ހާލަތުގައި ކަމަށް ޚަބަރުތައް ބުނެ އެވެ. މިއާ އެކު ކެނެޑާގެ ސަރުކާރުން ވަނީ އެގައުމުގެ ކަންކޮޅުތަކުގައި ސަލާމަތީ ފިޔަވަޅުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށް ސެކިއުރިޓީ އެލާޓް މަތިކޮށްފަ އެވެ. ހަތިޔާރުއެޅި މީހާ ޕާލަމެންޓަށް ވަން އިރު ޕާލަމެންޓްގެ ޖަލްސާއެއް ކުރިޔަށްދާ ކަމަށާއި ބޮޑުވަޒީރު ސްޓީވަން ހާޕާވެސް އެޖަލްސާގައި އިންނެވި ކަމަށްވެ އެވެ. ނަމަވެސް އެޙާދިސާގައި ހެޕާއަށް ވެސް އަދި ޕާލަމެންޓްގެ އެހެން މެންބަރަކަށް ވެސް ގެއްލުމެއް ނުލިބޭކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިސްލާމީ ދުނިޔެއާ މުޢާމަލާތް ކުރުމުގައި ހަރުކަށި އަދި "އަތްދިގު" ސިޔާސަތުތަކެއް ގެއްގުޅުއްވާ ކެނެޑާގެ ބޮޑުވަޒީރު ސްޓީވަން ހާޕާއަކީ ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ޒަޔަނިސްޓް ފިކުރަށް ނިސްބަތްވާ ބޭފުޅެކެވެ. ހެޕާގެ ވެރިކަމުގައި އިސްލާމީ ބައެއް ގައުމުތަކުގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުންތައް ހިންގުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު ކެނެޑާގެ މައްޗަށް ވަނީ ކުރެވިފަ އެވެ.

ހެޕާ ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އަޅުވެތިކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ ޓެރަރިސްޓްޖަމާއަތެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި އިސްރާއީލުން އެންމެ ފަހުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް ވެސް ކެނެޑާވަނީ ތާއީދުކޮށްފަ އެވެ. މީގެ އިތުރުން އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތަށް ހަމަލާދީ ގޯނާކުރުމުގައި ވެސް ކެނެޑާ ބައިވެރިވެ އެވެ. ނަމަވެސް ކެނެޑާ އަށް އައި މިހަމަލާއަކީ އައިއެސްއާ ގުޅުންހުރި ހަމަލާއެއްކަން ސާފުވެފައެއް ނުވެއެވެ. އަދި މިއީ ކެނެޑާގެ އެތެރޭގެ "ޓެރަރިސްޓަކު" ހިންގި އަމަލެއްކަމަށްވަނީ ބެލެވެން ފަށާފަ އެވެ. (ނޫސްއެޖެންސީތައް)