23 Oct 2014, 09:26
އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކޮށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް ފިނޭންސް މިނިސްޓްރީއަށް ފެންނަނީ އޮޑިޓް އޮފީހަށް ބަޖެޓްގެ ގޮތުގައި 46 މިލިއަން ރުފިޔާ ދިނުމަށް ކަމަށް އެ މިނިސްޓްރީއިން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްޕީ ނުހިމަނައި ބަޖެޓުގެ ޖުމުލަ އަދަދަކީ 58 މިލިއަން ރުފިޔާ އެވެ. އަދި އެ ބަޖެޓުގައި އޮފީސް އިމާރާތެއް އެޅުމަށް 34 މިލިއަން ރުފިޔާ ހިމަނައިގެން ބަޖެޓުގެ ޖުމުލަ ވަނީ 93 މިލިއަން ރުފިޔާއަށް އަރާފަ އެވެ.
މާލިއްޔަތު ކޮމެޓީއިން ރޭ ބޭއްވި ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ، އޮޑިޓް އޮފީހަށް މިއަހަރަށް ފާސްކޮށްފައި އޮތީ 58 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި ނަމަވެސް މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް އެ އޮފީހުން ހަރަދުކޮށްފައިވަނީ 23 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން ލަފާ ކުރެވޭގޮތުގައި އެންމެ ބޮޑަށް ވެސް އޮޑިޓް އޮފީހަށް މިއަހަރު ހަރަދު ކުރެވޭނީ 36 މިލިއަން ރުފިޔާ ކަމަށާއި ބަޖެޓުގެ ބާކީ ހަރަދު ނުކޮށް ވުމުން އަންނަ އަހަރު 46 މިލިއަންގެ ބަޖެޓަކުން ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.
"މިހާރު ނިންމާފައިވަނީ 46 މިލިއަން ފައްތައިގެން ގެންދެވޭނެ ކަމަށް ބެލެވެނީ،.. މިއަންނަ އަހަރު 46 މިލިއަން ރުފިޔާއިން މާރަނގަޅަށްވެސް[އޮޑިޓް އޮފީހަށް] މަސައްކަތްކުރެވޭނެކަމަށް ބެލެވެނީ. އެ އަދަދުން ނުވެއްޖެނަމަ އަޅުގަނޑުމެން އިތުރުކޮށްދޭނަން،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.
އޮޑިޓް އޮފީހުގެ ބަޖެޓު 46 މިލިއަނަށް ކުޑަކުރުމުން މަސައްކަތްތައް ކުރިއަށް ގެންދެވޭނެތޯ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އާ މެމްބަރުން ސުވާލުކުރެއްވުމުން އޭނާ ވިދާޅުވީ، ބަޖެޓު ކުޑަވާނަމަ ކުރިން ކުރުމަށް ރާވާފައިވާ މަސައްކަތްތަކަށް ބަދަލެއް އަންނާނެ ކަމަށެވެ.
މިއަހަރު އޮޑިޓް އޮފީހަށް ދީފައިވާ ބަޖެޓުން ހަރަދުތަކެއް ނުކޮށް ހުރީ ކީވެގެންތޯ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އާ މެމްބަރުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، ހަރަދު ނުކޮށް ހުރީ "ސްޕެސިފިކް" ކަންތައްތަކަށް ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި އަލަށް ނަގަންޖެހޭނެ ކަމަށް ކުރިން ނިންމި މުވައްޒަފުންތަކެއްވެސް ހިމެނޭ ކަމަށާއި އެ މުވައްޒަފުން ނުނެގީ ބޭނުމެއް ނެތި ދައުލަތުގެ ފައިސާ ހަރަދު ނުކުރަންވެގެން ކަމަށްވެސް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ. ހަމަ އެހެންމެ ހަރަދު ނުކޮށް ހުރި ފައިސާ ތަކުގެ ތެރޭގައި އިތުރު ގަޑީގެ ފައިސާވެސް ހިމެނޭކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް މިއަހަރު ހުށައަޅާފައިވާ ބަޖެޓު ބޮޑުވުމުގެ އަސްލަކީ އެ އޮފީހަށް ހުޅުމާލެއިން ލިބިފައިވާ ބިމުގައި އިމާރާތެއް އެޅުމަށް ބަޖެޓުގައި 34 މިލިއަން ރުފިޔާ ހިމަނާފައި ވުމުންނެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވީ އެ އޮފީހަކީ ވަރަށް ހާލުގައި ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް އޮފީހެއް ކަމުން އާ އިމާރާތެއް ބޭނުންވާ ކަމަށެވެ.
މިހާރު ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތުގައި ކުރިން އޮޑިޓް އޮފީސް ހިންގަމުންދަނިކޮށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޮޑިޓް އޮފީސް ހުރަވީ ބިލްޑިންގަށް ބަދުކޮށް ވަރަށް އަވަހަށް އިތުރު އިމާރާތެއް ހަމަޖައްސައިދޭނެ ކަމަށް އޭރު ވައުދުވެފައިވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ވެސް އެކަމަށް އަލިމަގެއް ދައްކާފައިނުވާކަމަށް ވިދާޅުވި އެވެ.
އިމާރާތުގެ ކަންތަކުގައި ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހުރީ ސަރުކާރުގެ އޮފީސްތައް އެއް އިމާރާތެއްގެ ދަށުގައި ބެހެއްޓުން ކަމަށާއި އެކަމަށް ފިނޭންސް މިނިސްޓްރީ ހުރި ބިމުގައި 20 ބުރީގެ އިމާރާތެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އެ އިމާރާތް ހެދުމުން އޮޑިޓާ ޖެނެރަލް ބޭނުންވާ އޮފީސް އެ އިމާރާތުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ އިމާރާތުގެ މަސައްކަތް ފެއްޓޭނެ ދުވަހެއް މިނިސްޓަރު ޖިހާދު ވިދާޅެއްނުވެ އެވެ.