10:16- އަޑިއަށް ގޮސްފައިވާ ދޯންޏަކީ މާލޭގައި ހިންގާ "ގައިޑެންސް" ކިޔާ ކުންފުންޏެއްގެ "އިމްޝާ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެކެވެ. ފުލުހުން ބުނީ މިހާރު އެ ސަރަހައްދުގައި ދޯނީގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި ވިދާޅުވީ ކަނޑުތެރޭގައި ތިއްބާ ނެގި ނުވަ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެމީހުން މިހާރު މ. މުއްޔަށް ގެންދިއުމުގެ މަގުމަތީގައިވާ ކަމަށެވެ. ދޯނި އަޑިއަށް ދިޔަ ސަބަބެއް އަދި ނުބުނެ އެވެ.

9:24- ކޮޅުފުށީ ރަށު އޮފީހުން ބުނީ އަޑިއަށް ދިޔަ ދޯންޏަކީ ކަންނެއްޔަށް ނުކުމެް އުޅުނު ދޯންޏެއް ކަމަށާއި އެ ދޯނިން ކަނޑުވެ، އޮޔާދަނިކޮށް ނެގި މީހުން ނެގުމަށް ފަހު މ. މުއްޔަށް ގެންދިއުމަށް އަތޮޅު ލޯންޗު އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ. އަދިވެސް ކޮން ރަށެއްގެ ދޯންޏެއް ކަމެއް ކަމެއް ނޭނގެ އެވެ. މ. އަތޮޅަށް މިއަދު މޫސުން ގޯސް ނޫން ކަމަށެވެ. އަދި ބުނީ މި ދޯނި އަޑިއަށް ގޮސްފައި ވަނިކޮށް ފެނިފައި ވަނީ މ. ކޮޅުފުއްޓާއި ތ. ވިލިފުއްޓާ ދެމެދު ހަތް މޭލުް ބޭރުން ކަމަށެވެ.

ދޯންޏެއް އަޑިއަށް ގޮސް މީހުން ކަނޑުވެފައި ތިއްބާ އޭގެ ތެރެއިން ނުވަ މީހަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ އެއީ ކޮން ދޯންޏެއްކަން ވެސް ކަނޑުވީ ކިތައް މީހުން ކަންވެސް ސާފު ނުވާ ކަމަށާއި އަޑިޔަށް ގޮސްފައިވާ ދޯނި ފެނުނީ މ. ކޮޅުފުއްޓާ ދިމާ ބޭރުން ދ. މީދޫ ދޯންޏަކަށް ކަމަށެވެ.

"އެ ދޯނީގެ މީހުންނަށް ފެނުނީ ދޯންޏެއް އަޑިއަށް ގޮސް އޭގެ މީހުންތައް އޮޔާގޮސް ބައެއް ތަކެތީގެ އެހީގައި ކަނޑުމަތީގައި ތިއްބާ. މީހާރު އޭގެ ތެރެއިން ނުވަ މީހަކު ވަނީ ސަލާމާތްކޮށްފައި،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
އަދި ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 7:30 ގައި ކަމަށާއި މިހާރު އެކަން އެމްއެންޑީއެފަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެ ފަރާތަށް މައުލޫމާތު ލިބިފައި ވަނީ މިހާތަނަށް ހަތް މީހަކު މީދޫ، ވިޔަންސާ ނަމަކަށް ކިޔާ ދޯންޏަކުން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަޑިޔަށް ގޮސަފައިވާ ދޯނީގެ މައުލޫމާތެއް ވެސް މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ވެސް އަދި ސާފު ނުވާ ކަމަށެވެ.

(ތަފުސީލު އަންނަނީ)