އަންނަ މަހުގެ ތެރޭގައި ވައިން ކަރަންޓު އުފެއްދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ތިން ސަރަހައްދެއްގައި މެޓް މާސްޓް ހަރުކުރެވިގެންދާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި ގާއިމުކުރެވިފައިވާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ކަރަންޓު ވިއުގައަށް ގުޅާލުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، މެޓް މާސްޓް ހަރުކުރަނީ އިއާދަކުރަނިވި ހަކަތައާ ބެހޭ ދިރާސާތައް ކުރުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި، ހަކަތަ އިގްތިސާދު ކުރުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރާނެ ގޮތްތައް ހޯދައި ބަލަން އެބަޖެހޭ ކަމަށެވެ. ހަމައެހެންމެ ހަކަތަ މަދުން ބޭނުންކުރާ އާލާތްތައް ބޭނުންކުރަންޖެހޭ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތައް ހުންނަގޮތުން ހަކަތަ އިސްރާފުވުން ވަރަށް ބޮޑުވޭ. އެހެންކަމުން މިފަދަ އިސްރާފުތަކުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދައަށް ގެންނަންޖެހޭ ބަދަލު ގެނައުމަކީ އަޅުގަނޑުމެންގެ ފަރުދީ ޒިންމާއެއް ކަމުގައި ދެކި، އެކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ. އެންމެ ކަރަންޓު ޔުނިޓަކީ ވެސް ގައުމުގެ ނިސްބަތުން ސަލާމަތްކުރެވޭ ފައިސާގެ ބޮޑު އަދަދަކަށް ވާނެކަން ޔަގީން. މިއީ މިއަދު އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ކުރާ އިލްތިމާސެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ހަކަތަ އުފެއްދުމަށްޓަކައި ކުރަންޖެހޭ ހޭދަ ވަރަށް ބޮޑު ކަމަށާއި ޖީޑީޕީގެ ތިރީސް އިންސައްތަ ޚަރަދު ކުރެވެނީ ހަކަތަ އުފެއްދުމަށްޓަކައި ތެޔޮ އެތެރެކުރުމުގައި މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ވެސް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

"މިއީ ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް. އަދި މިގައުމުގެ އިގްތިސޯދަށް އުފުލަންޖެހިފައިވާ ވަރަށް ބޮޑު ބުރައެއް. އެހެންކަމުން އަޅުގަނޑުމެން ބޭނުންވާ ހަކަތަ އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭ. މިގޮތުން ރާއްޖެއިން ލިބެންހުރި އިއާދަކުރެނިވި ހަކަތައިގެ ވަސީލަތްތައް ހޯދައި، އޭގެ ބޭނުންކުރުމަކީ ތެލަށް ބަރޯސާވުން ކުޑަކުރުމަށް އޮތް އެއްހައްލު،" މިނިސްޓަރު ވިދާޅުވި އެވެ.

ޖަރުމަނު ސަރުކާރުން ގާއިމުކޮށްދީފައިވާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ރާއްޖެއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ޖަރުމަނުގެ ޖީއައިޒެޑް އާއި ދެމެދު ވަނީ ސޮއިކޮށްފައި ވަނީ، ކުޑަހުވަދޫ މަލްޓި ޕާޕަސް ބިލްޑިންގްގައި އެކަމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. އަދި ޖީއައިޒެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީނިއާ އެޑްވައިޒަރު ޔޮހިމް ގައުބެ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެރަށުގައި ގާއިމުކޮށްފައިވާ 203 ކިލޯވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު އެރަށުގެ ކަރަންޓު ވިއުގައަށް ވަނީ ގުޅާފައެވެ.

މީގެއިތުރުން އެ ރަސްމިއްޔާތުގައި ކުޑަހުވަދޫއަށް ހަދިޔާކުރަން ހަމަޖެހިފައިވާ ބަނދަރު ބައްތި ރަމްޒީގޮތުން ވަނީ ހަވާލުކޮށްފައެވެ. އެ ބައްތިތަކާ ހަވާލުވީ ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޒަމީރު އިސްމާއީލެވެ. އަދި ބައްތިތައް ކައުންސިލްގެ ރައީސާ ހަވާލުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުޙައްމަދެވެ.