މަޖީދީމަގުގައި މާލޭ ސިޓީ ކައުންސިލުން އިންދާފައި ހުރި ފެންފޯއް ރުއްތަކެއް ރޭގެ ވަގުތެއްގައި ކަނޑާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ 3:20 ކަންހާއިރު، މަޖީދީ މަގުގެ ހަތަރު ހިސާބެއްގައި ހުރި ހަތަރު ފެންފޯއް ރުށް ކަނޑާލާފައިވާ ކަމުގެ މައުލޫމާތު އާންމު ފަރާތަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުން އެމައްސަ ބަލަމުން ގެންދާ ކަމަށެވެ.

ބްލަޑް ބޭންކް ސާވިސް ކުރިމަތީގައި ހުރި ފެންފޯއް ރުކެއް ކަނޑާލާފައި -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

"ދެ ސައިކަލެއްގައި އައި ބަޔަކު ކަމަށްވަނީ، އެކަން ކުރީ. އަދި އެކަމާ ގުޅިގެން އެއްވެސް ބަޔަކު ހައްޔަރެއް ނުކުރަން،" މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.
ޕީޖީ އޮފީސް ކައިރީގައި ހުރި ފެންފޯއް ރުކެއް ކަނޑާލާފައި -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

މާލޭ ސިޓީ ކައުންސިލުން ބުނީ، މަޖީދީމަގުގެ އެކި ހިސާބުން ހަތަރު ފެންފޯއް ރުއް ކަނޑާލާފައިވާއިރު އެ ރުއްތައް ކަނޑާލާފައި ވަނީ، ކޮން ބައެއްކަން ނޭނގޭ ކަމަށާއި، އެހެން ނަމަވެސް ރީތިކޮށް ހެދިހެދި ހުރި ރުއްތަކެއް ކައުންސިލުން ނުކަނޑާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ދަންނަވާކަށް ނޭނގެ ކޮންބައެއް ކުރިކަމެއްކަން. ލަފާކުރެވޭ ގޮތުގައި ރުއްތައް ކަނޑާލާފައި ވަނީ، ރޭގެ ފަތިހުގެ ވަގުތެއްގައި،" މާލޭ ސިޓީ ކައުންސިލްގެ ސީނިއާ ސުޕަވައިޒަރު މުޙައްމަދު ޒުބައިރު ސަންއަށް ވިދާޅުވި އެވެ.

މަޖީދީ މަގުގައި ކަނޑާލާފައިވާ ފެންފޯއް ރުއްތައް ހިމެނޭ ސަރަހައްދުތަކަކީ، އެމެޓީ ފިހާރަ ކުރިމަތި (އަތަމާ ޕެލަސް ކައިރި)، އޭޑީކޭއާ ދިމާއިން ކުރީގެ ތެލެސީމިއާ ސެންޓަރު ކުރިމަތި، ޕީޖީ އޮފީސް ކައިރި، އަދި އުރީދޫ އޮފީސް ކައިރިއެވެ.
ޕީޖީ އޮފީސް ކައިރީގައި ހުރި ފެންފޯއް ރުކެއް ކަނޑާލާފައި -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

އިންޑިއާ ސަރުކާރުން އެއްލައްކަ ފެންފޯއްރުން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ. މަޖީދީމަގުގައި ފެންފޯއް ރުއްތައް އިންދާފައި ވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން ނެވެ. މީގެކުރިން ސިޔާސީ ހަލަބޮލިވުންތަކުގައި ބައެއް ފެންފޯއްރުއްތައް އުފުރާލާފައިވެއެވެ.