ސްކޫލްތައް ހިންގުވުމުގައި އެ ސްކޫލަކަށް ނިސްބަތްވާ ބެލެނިވެރިންގެ ބައިވެރިވުން ވީހާ ވެސް ބޮޑަށް އިތުރުކުރުމަށް ޕްރިންސިޕަލުންގެ އަރިހުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެދިވަަޑައިގެންފި އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނަށް ހިންގި އޮރިއެންޓޭޝަން ޕްރޮގަރާމް ނިންމުމަށް މިއަދު ހަވީރު މޯލްޑިވްސް ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަނގަޅު ދަރިވަރުންތަކެއް ބިނާ ކުރުމަކީ ސްކޫލްތަކާއި ބެލެނިވެރިންނާއި އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކަށްވާއިރު، އެ އަމާޒަށް ވާސިލުވުމަށް އެ ތިން ފަރާތުން ވެސް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

"ސްކޫލްތައް ހިންގެވުމުގައި ބެލެނިވެރިންގެ ބައިވެރިވުން ވީހާ ވެސް ބޮޑަށް އިތުރުކުރައްވައި ބެލެނިވެރިންނާ އޮންނަ ގާތްކަން ހަރުދަނާކުރެއްވުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންގެ އަރިހުން އެދެން،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ސްކޫލްގައި ހިނގާ ކަންކަން ބަލައި އޮޅުންފިލުވައި، ސްކޫލުގެ ކަންކަމުގައި ބައިވެރިވުމާއި ކަންކަމަށް ގޮތްކިޔުމުގެ ފުރުސަތު ބެލެނިވެރިންނަށް އޮންނަންވާނެ ކަމަށެވެ.

ސްކޫލްތަކާ ގުޅުންހުރި ފަރާތްތަކުގެ ދައުރު ހަރުދަނާކުރުމަށް، އެތަންތަން ހިންގުމުގައި ކޮންމެހެން ގެންގުޅެން ޖެހޭ އަތްމަތީ ފޮތްތައް ތައްޔާރުކުރުމާއި ސްކޫލްތައް ހިންގުމާ ގުޅޭގޮތުން މީގެ 20 އަހަރު ކުރިން ފެށިގެން ނެރެފައިވާ ސާކިއުލާތައް މުރާޖައާކޮށް އިސްލާހު ކުރަންޖެހޭ ސާކިއުލާތައް އިސްލާހު ކުރުމުގެ މަސައްކަތައް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.