22 Oct 2014, 22:43
އިރާޤުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ރޮކެޓްހަމަލާތަކެއް އަރައިފި އެވެ.
އިރާގުގެ އަލް މުސްތަކިލާ ނިއުސް އެޖެންސީއާ ހަވާލާދީ ރަޝިއާގެ ރިއާ ނޮވޯސްތީ ނޫހުން މިއަދު ބުނީ ބަޣުދާދުގައިވާ އެމެރިކާ އެމްބަސީ އަށް އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ތިން ރޮކެޓް އަރާފައިވާ ކަމަށެވެ. ރޮކެޓްތައް ފޮނުވާލާފައި ވަނީ ދެކުނު ބަޣުދާދުގައިވާ ދޯރާ ޑިސްޓްރިކްޓްގައިވާ ޕާކަކުން ކަމަށް އިރާގުގެ އޮފިޝަލަކާ ހަވާލާދީ އަލް މުސްތަޚިލާ ނިއުސް އެޖެންސީން ވަނީ ބުނެފަ އެވެ.
އެމެރިކާ އެމްބަސީ ހުންނަނީ ބަޣުދާދުގެ މެދުތެރޭގައި "ގްރީން ޒޯން"ގެ ގޮތުގައި އެމެރިކާއާއި އިރާގު ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުގަ އެވެ.
އެމެރިކާ އެމްބަސީއަށް ރޮކެޓްތައް އެރިކަމަށް ބުނި ނަމަވެސް، އެކަމުގެ ސަބަބުން ލިބުނު ގެއްލުމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. އެމްބަސީ އަށް ހަމަލާ ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް އެޖަމާއަތުން ވަނީ ބުނެފަ އެވެ.
އައިއެސް އިން އިރާގުގައި ކުރަމުން އަންނަ ހަނގުރާމައިގައި ބަޣުދާދާ ވަރަށް ކައިރި ސަރަހައްދުތައް ވަނީ ހިފާފަ އެވެ.