22 Oct 2014, 20:57
މިދިޔަ ހުކުރު ދުވަހުގެ ރޭ މާފުށީ ޖަލުން ފިލި ނުރައްކާތެރި ކުށްވެރިއެއް ކަމަށްވާ ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމް ހައްޔަރު ކުރުމުގައި ހަތިޔާރު ބޭނުން ކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ، ޝަހުމް ހޯދަން ހިންގި އޮޕަރޭޝަނުގައި ބައިވެރިވީ ހަމައެކަނި ދިވެހި ފުލުހުން ކަމަށާއި އަދި އެއްވެސް ހަތިޔާރެއް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.
"ޝަހުމް އަތުލައިގެންފައި ވަނީ، ގެސްޓްހައުސް އަކުން. ޝަހުމް ހައްޔަރުކުރުމުގައި އެއްވެސް ހަތިޔާރެއް ބޭނުންކޮށްފައެއް ނުވާނެ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޝަހުމް ހައްޔަރު ކުރި ވަގުތު އެ މަންޒަރު ދުށް ބައެއް މީހުން ވަނީ، ބަޑީގެ އަޑާ އެއްފަދަ އަޑެއް ދެފަހަރަކު އިވުނު ކަމަށާއި ބަޑިބޭހުގެ ވަސް އެސަރަހައްދުގައި ހުރި ކަމަށް ބުނެފަ އެވެ.
ޓީވީއެމްގެ މިރޭގެ އަށެއްގެ ހަބަރަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، "ލައިވް ވަޒަން ބޭނުންކޮށްފައި ނުވާނެ. އަދި އެއްވެސް ކަހަލަ ހަތިޔާރެއް ބޭނުންކުރިކަން ނުވަތަ ނޫންކަން އެމައުލޫމާތު ފަހުން ދޭންނަން،" ކަމަށެވެ.
ފުލުހުން ބުނީ، ޝަހުމް ހައްޔަރު ކުރި އޮޕަރޭޝަނާ ބެހޭ އިތުރު މައުލޫމާތު އާންމު ކުރުމަށް ވަރަށް އަވަހަށް ޕްރެސް ކޮންފަރެންސެއް ބާވާނޭ ކަމަށެވެ.