ރާއްޖޭގެ މީޑިއާ ތަކުގައި ކުޅިވަރުގެ ހަބަރުތައް ގެނެސްދޭ ނޫންވެރިންގެ ޓީމަކާއި މިނިސްޓްރީ އޮފް ޔުތުއެންޑް ސްޕޯޓްސްގެ ޓީމަކާ ދެމެދު މާދަމާ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗަކީ "މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގެ ފެށުން" ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ޔޫތު މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ ވިދާޅުވީ، ގައުމީ ސްޓޭޑިއަމްގައި މާދަމާ ހަވީރު ކުޅޭ ހާއްސަ ފުޓްބޯޅަ މެޗަކީ، މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަށް "ކިކްއޮފް" ކުރުމަށް ބާއްވާ މެޗެއް ކަމަށެވެ.

މޯލްޑިވްސް ސްޕޯޓްސް މީޑިއާ އެފްސީ (އެމްއެސްއެމް)އާ ދެކޮޅަށް މާދަމާ ހަވީރު 4:00ގައި ނުކުންނަ ޒުވާނުންނާއި ކުޅިވަރާބެހޭ ވުޒާރާގެ ޓީމުގެ ކެޕްޓަނަކަށް ހުންނަވާނީ، ކުޅިވަރާބެހޭ ވަޒީރު މުޙައްމަދު މަލީހު ޖަމާލެވެ.

މާދަމާ ކުޅޭ އެ މެޗަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށް ކުޅޭ މެޗަކަށް ވާތީ ވީހާ ގިނަ ޒުވާނުން އެ މެޗު ބަލައިލުމަށް ގަލޮޅު ދަނޑަށް ދިއުމަށް ޔޫތު މިނިސްޓްރީން ވަނީ އާންމުކޮށް ދައުވަތު ދިފައެވެ.

"މިފަދަ މެޗެއް ކުޅުމުގެ ބޭނުމަކީ އާއިލީ ގުޅުންތައް ބަދަހި ކޮށް ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމަށް ބާރުއެޅުން. ވީމާ މި ހަރަކާތްތަށް ކާމިޔާބު ކުރުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން އަޅުގަނޑުމެން ބޭނުންވޭ،" އަލީ ޒަކީ ވިދާޅުވި އެވެ.

ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ކުލަގަދަކޮށް ގެންދިއުމުގެ ގޮތުންނާއި އެކިއެކި މުއައްސަސާތަކާ އެކު ޔޫތުމިނިސްޓްރީން ގުޅުން ބަދަހިކުރުމުގެ ގޮތުން، އަންނަ މަހުގެ 17އާ ހަމައަށް ސިލްސިލާ ގޮތެއްގައި މިފަދަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން މިއަދު ބުންޏެވެ.

ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން މިހާރު ހަމަޖައްސާފައި ވަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.