މޮސްކޯ (ޖެނުއަރީ 24) : ރަޝިޔާގެ ވެރިރަށް މޮސްކޯގެ ޑޮމެޑެޑޯވޯ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 31 މީހަކު މަރުވެ 130 މީހަކު ޒަޚަމްވެއްޖެއެވެ.

މިރޭ އިރާކޮޅުގެ ވަގުތެއްގައި ދިން މިޙަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް ކަވްކަސްގެ ސަރަޙައްދުގައި ރަޝިޔާއާ ދެކޮޅަށް މިނިވަންކަމުގެ ޙަރަކާތްތައް ހިންގާ ހަތިޔާރުއެޅި ޖަމާއަތްތައް މި ހަމަލާގެ ފަހަތުގައި ވެދާނެ ކަމަށް ބަލައި ރަޝިޔާއިން އެފަރާތްތަކަށް ތުހުމަތުގެ އިނގިލި ދިއްކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޮސްކޯގައި ހުންނަވާ ބީބީސީގެ މުރާސިލުން ބުނެއެވެ.

މިޙަމަލާއަށްފަހު ދެއްވި ފުރަތަމަ ބަޔާނުގައި ރައީސް ޑިމިޓްރީ މިޑްވެޑޭވް ވިދާޅުވީ މިޙަމަލާގެ ފަހަތުގައިވާ ފަރާތްތައް ހޯދައި ރަޝިޔާއިން އެފަރާތްތަކަށް އަދަބު ދޭނެ ކަމުގައެވެ. މިޑްވެޑޭވް ވަނީ ސްވިޓްޒަރލޭންޑަށް އޭނާ ކުރައްވަން ހަމަޖައްސަވާފައިވާ ދަތުރުފުޅު، މިޙަމަލާއާގުޅިގެން ފަސްކުރައްވާފަ އެވެ.

މިޙަމަލާދިން ޑޮމެޑެޑޯވޯ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ޓާމިނަލް، ޤަތްލު އާންމެއް ހިންގާފައިވާ ތަނަކަށް ބަދަލުވެފައިވާ ކަމަށް މަންޒަރުދުށް ރަޝިޔާގެ މަސްއޫލުވެރިން ސިފަކުރައްވާފައިވެއެވެ. މޮސްކޯގެ ޑޮމޮޑެޑޯވޯ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ތާރީޚަށް ބަލާއިރު 2004 ވަނަ އަހަރު އެ ބަނދަރުންފުރި ދެމަތިންދާބޯޓެއް ގޮއްވާލުމާގުޅިގެން 90 މީހަކު މަރުވެފައިވެއެވެ. މިއީ ދެމީހަކު އަމިއްލައަށް މަރުވެގެން ދިން ދެ ހަމަލާކަން ފަހުން ހާމަވެފައިވެއެވެ.