14:30


ދިވެހި ސިވިލް ސާވިސްގެ އާ ގަވާއިދަށް މެއި މަހުން ފެށިގެން ޢަމަލުކުރަން ފަށާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.


އެކޮމިޝަނުން ނެރެފައިވާ ސާރކިއުލާ އެއްގައި ބުނެފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގާނޫނުން ބާރުލިބިގެން އެކޮމިޝަނުން އެކުލަވާފައިވާ "ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2008" އަށް 1 މެއި 2008 އިން ފެށިގެން ޢަމަލު ކުރަމުންދާތާ ދެ އަހަރު ފުރޭ އިރު، އެގަވާއިދަށް ވަނީ ގިނަ އިސްލާހުތަކެއް ގެނެސް، އެކޮމިޝަނުގެ ސާކިއުލާގެ ޒަރީއާއިން އާއްމުކޮށްފައި ކަމަށެވެ. އަދި "ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2010" ޝާއިއުކުރާއިރު މިހާރުގެ ހާލަތަށް ބަލައި ކޮންމެހެން ގެންނަން ޖެހޭ އިތުރު އިސްލާހު ގެނެސްފައިވާނެ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ.


"ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2010" އަށް ޢަމަލު ކުރަން ފެށުމުން ކުރީގެ ގަވާއިދަށް އެކި ފަހަރު މަތިން އިސްލާހު ގެނައުމަށް އެ ކޮމިޝަނުން ނެރެ އާއްމުކޮށްފައިވާ ސާކިއުލާތައް ބާތިލްވާނެ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ.


މެއި މަހުން ފެށިގެން ސިވިލްސާވިސްގެ މަސްއޫލު  އޮފީސްތަކުންނާއި ސިވިލްސާވިސްގެ މުވައްޒަފުން މިހާރު އެކޮމިޝަނުން އާއްމުކޮށްފައިވާ އެ ޤަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެ ކޮމިޝަނުން އަންގާފައިވެ އެވެ.