ދިހަ އަހަރުގެ ތައުލީމަކަށްފަހު، އެއްވެސް ދަރިވަރަކު މާޔޫސްވެގެން ސްކޫލުން ނުކުންނަންޖެހުމަކީ ވެގެންވާނެ ގޮތެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނަށް ހިންގި އޮރިއެންޓޭޝަން ޕްރޮގަރާމް ނިންމުމަށް މިއަދު ހަވީރު މޯލްޑިވްސް ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތައުލީމް ފުރިހަމަކުރުމަށްފަހު ސްކޫލުން ނުކުންނައިރު، ދަރިވަރު މާޔޫސްވުމުގެ ބަދަލުގައި ދަރިވަރަށް ކުރިއަށްދެވޭނެ މަގެއް ދައްކައިދޭންޖެހޭ ކަމަށެވެ.

"ދިހަ އަހަރުގެ ތައުލީމަށްފަހު އެއްވެސް ދަރިވަރަކު މާޔޫސްވެގެން ސްކޫލުން ނުކުންނަންޖެހުމަކީ އެއްގޮތަކަށް ވެސް ވެގެންވާނެ ގޮތެއްނޫން. ކޮންމެ ދަރިވަރެއްގެ ހުނަރުވެރިކަން އިތުރަށް ތަރައްގީކޮށް ދަރިވަރުގެ މުސްތަގްބަލް އުޖާލާކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް،"މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރު ހިންގުނު ޕްރިންސިޕަލުންގެ އޮރިއެންޓޭޝަން ޕްރޮގްރާމަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން ތަމްރީނުކޮށް ނިމުނުއިރު، ސްކޫލްތައް ހިންގުމުގައި ޕްރިންސިޕަލުންނަށް ތަމްރީނު ބޭނުންވާ މިންވަރާއި އެކަމަށް އެދިވަޑައިގަންނަވާ މިންވަރު އެނގިގެން ހިނގައްޖެ ކަމަށެވެ.

އެގޮތުން، ސްކޫލްތަކުގެ އިސްވެރިން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަށް ބޭނުންވާ ތަމްރީނުތައް ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންވާނެކަމެއް ކަމުން އަންނަ އަހަރު ވެސް އެފަދަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.

ސްކޫލްތައް ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ކަމާ ގުޅޭ ޑިޕާޓްމަންޓްތަކުގެ އިސް ވެރިންނާ އެކު ކުރިއަށްގެންދިޔަ އެ އޮރިއެންޓޭޝަން ޕްރޮގްރާމުތަކުގައި ރާއްޖޭގެ ހުރިހާ ސްކޫލަކުން ގާތްގަނޑަކަށް 212 ޕްރިންސިޕަލުންނަށް ތަމްރީން ދެވިފައިވެ އެވެ.