މއ. އައިޝާ ހުސައިން ވަހީދުގެ މަރު ސާބިތުކުރި ކަމުގެ ރިޕޯޓާއި އޭގެތަރުޖަމާ ތައްޔާރު ކުރެއްވި ޑޮކްޓަރުން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް އޭނާ މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ ކުދިންގެ ވަކީލު އެދިވަޑައިގެންފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލު އެގޮތަށް އެދިވަޑައިގެންފައި ވާތީ އެ ޑޮކްޓަރުން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ގާޒީ ދައުލަތަށް އަންގަވާފައިވާ ކަމަށެވެ.

މަރު ސާބިތުކުރި ރިޕޯޓާއި އޭގެ ތަރުޖަމާ ތައްޔާރު ކުރެއްވި ޑޮކްޓަރުން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ދިފާއީ ވަކީލު އެދިވަޑައިގެންފައި ވަނީ އެ ރިޕޯޓުގައި ޚިލާފުތަކެއް ހުރިކަމަށް ބުނެ ކަމަށް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުސައިން ވަހީދަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ އުމުރުން 16 އަހަރުގެ ދެ ކުދީންގެ މައްޗަށެވެ.

އުމުރުން 16 އަހަރުގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖެއްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައި ވަނީ އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަން ހާއިރު، ހުސައިން ވަހީދު މއ. އައިޝާގޭ، ކައިރީގައި ހުއްޓައި، އިތުރު ބަޔަކާ އެކު އެތަނަށް ގޮސް ތިލައިގައި ހަ އިންޗި ހުންނަވަރުގެ ވަޅިއެއް އޭނާގެ މެޔަށް ހަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ފުރަތަމަ ކުއްޖާ ހުސައިން ވަހީދުގެ މެޔަށް ވަޅި ހެރުމަށްފަހު ދެވަނަ ކުއްޖާ އިން ސައިކަލްގެ ފަހަތަށް އެރުމުން އެ ކުއްޖާ ގޮވައިގެން ދެވަނަ ކުއްޖާ އެތަނުން ގޮސްފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.