22 Oct 2014, 18:22
ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސް އިން އަތުލި ފައިސާ ބޭނުންވާ ކަމަށް 16 މީހަކު މިއަދު ޝަރީއަތުގައި ބުނެފި އެވެ.
މަލީޝާގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއާ ގުޅިގެން ހެކިބަސްދެމުން ފައިސާ ދެއްކި 16 މީހަކު ވަނީ އެ ފައިސާ އަނބުރާ ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަކު ބުނީ ސަރުކާރުން އޭނާ ހައްޖަށް ފޮނުވާފައިވާތީ މަލީޝާއަށް ދެއްކި ފައިސާ ބޭނުންނުވާ ކަމަށެވެ.
ފައިސާ އަނބުރާ ބޭނުންވާ ކަމަށް ބުނި މީހުންގެ ތެރޭގައި ސަރުކާރުގެ ޚަރަދުގައި ހައްޖަށް ދިޔަ މީހުން ވެސް ހިމެނެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި 17 މީހެއްގެ ހެކިބަސް ނެގިއިރު އެއިން އެއްވެސް މީހަކާ އިސްމާއީލް އަބްދުއްލަތީފްގެ ފަރާތުން ސުވާލެއް ކޮށްފައެއްނުވެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ނަގާފައި ވަނީ ތ. ގުރައިދޫ ރައްޔިތުންގެ ތެރެއިން މަލީޝާއަށް ފައިސާ ދެއްކި ބައެއް މީހުންގެ ހެކިބަހެވެ. ބައެއް މީހުންގެ ހެކިބަސް ނަގާފައިވަނީ ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށެވެ. އަދި ތ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ވެސް ބައެއް މީހުންގެ ހެކިބަސް ނެގިއިރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްގެން ވެސް ބައެއް މީހުންގެ ހެކިބަސް ނަގާފައިވެ އެވެ.
އިސްގާޒީ އަބްދުﷲ މުހައްމަދު ވަނީ ހައްޖަށް ދިޔުމަށް މަލީޝާއަށް ފައިސާ ދެއްކި ކަމުގެ ލިޔުން ކޯޓަށް ހުށަހެޅުމަށް މިއަދު ހެކިބަސްދިން ހުރިހާ މީހުންނަށް ވެސް އަންގާފައެވެ.
ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިސްމާއީލް އަބްދުއްލަތީފް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާ ބުނެފައިވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާނެ ކަމަށާއި އެހެންނަމަވެސް އެމީހުން ހައްޖަށް ގެންދެވިފައި ނުވާތީ އެ ފައިސާ އަނބުރާ ދޭންޖެހޭނެ ކަމަށް އަމިއްލައަށް ގަބޫލުކުރާ ކަމަށެވެ.
ދައުލަތުން އިސްމާއީލް އަބްދުލްލަތީފްގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ 1433 ވަނަ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން 8.6 މިލިއަން ރުފިޔާ ނެގުމަށް ފަހު އިސްމާއީލް އަބްދުއްލަތީފް އެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ އާއިޝަތު މުހައްމަދު ވިދާޅުވީ ބާކީ 50 ވަރަކަށް މީހުންގެ ހެކިބަސް ނުނެގި އެބަތިބި ކަމަށެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާއަށް ވެސް ވަނީ ތާވަލްކޮށްފައެވެ.