22 Oct 2014, 17:01
ރަށްރަށުގައި މަސައްކަތް ކުރާ ފުލުހުންނާއި ގުޅުން ބަދަހިކޮށް ފުލުހުންގެ ސަފުތެރެއަށް ވަންނަން ގޭންގުތަކުން މަސައްކަތް ކުރާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ޑީއޯސީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކޮށް ގޭންގުތަކުގައި އުޅޭ ޒުވާނުންނާ އެކު ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތް ކުރާ ފުލުހުން އުޅޭ ކަމަށާއި ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަންނަން ގޭންގުތަކުން މަސައްކަތް ކުރާ ކަމަށެވެ. އަދި ފުލުހުންނާ ގާތްކަން އުފައްދައިގެން ފުލުހުންގެ މީހުންނާ އެކު ދަތުރު ގޮސް ފުލުހުންގެ އަތުން މައުލޫމާތު ހޯދައި އެމީހުން ބޭނުންވާ ކުށްކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދައި ނުވަތަ ފުލުހުންނަށް ނޭނގި ފުލުހުންގެ ތެރެއަށް ވަދެ މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅާޅުވި އެވެ.
އެފަދަ ކަންތައްތަކާ މެދު ކޮމާންޑަރުންގެ ހައިސިއްޔަތުން ވިސްނަން ޖެހޭ ކަމަށާއި ފުލުހުންގެ އޮފް ޑިއުޓީ ވަގުތުތަކުގައި އުޅެނީ ކޮންބަޔަކާ އެކުތޯ ކޮމާންޑަރުން ބަލަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަން ހުއްޓުވަން ޖެހެނީ އެރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަން ނުވަތަ ޕޮލިސް ފޯސްއެއްގެ ކްރެޑިބިލިޓީ ހިފަހައްޓަން ޖެހޭތީ ކަން ވެސް އުމަރު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑާ ހަމައަށް އާދޭ ޝަކުވާ ކިހިނެއްހޭ މިވެނި ރަށެއްގައި ކުށްކުރުން ހުއްޓުވާނީ. އެރަށުގައި ތިބި ފުލުހުންގެ ކުދިން ޑިއުޓީ ނިމުނީމާ ޔުނިފޯމު ބަލާފައި އުޅެނީ މިރަށުގައި އުޅޭ މަސްތުވާތަކެތި ބޭނުންކުރާ ކުދިންނާ އެއްކޮށް ވަލުތެރެއަށް ވަދެ ކުރުނބާ އަޅަންށޭ. ނޫނީ ފަޅުރަށަކަށް ދަތުރުގޮހޭ އެމީހުން އުޅެނީ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ ފުލުހުން ރަށުތެރެ ޕެޓްރޯލު ނުކުރާކަން ވެސް ފާހަގަ ކުރެވޭ ކަމަށާއި އެގޮތުން ބައެއް ފުލުހުން ހަ މަސް ހަތް މަސް ވެގެންދާ އިރު، ޕޮލިސް ޔުނީފޯމު ނުލާކަން ފާހަގަ ކުރެއްވި އެވެ. އަދި ކޮންމެ ފުލުހަކީ ވެސް ޔުނިފޯމު ލާން ޖެހޭ ފުލުހެއް ކަމަށާއި ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަން ހިނގާފައި އުޅެންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ބައެއް ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކަށް މައްސަލަ ރިޕޯޓު ކުރަން މީހުން ޖެހިލުންވާ ކަމަށެވެ. ސަބަބަކަށް ވަނީ ފުލުހުންނަށް ރިޕޯޓު ކުރީމަ ރިޕޯޓް ކުރާ މީހާގެ މައުލޫމާތު އެކަމެއް ރައްދުވާ މީހަކަށް އެނގި ފުލުހުންގެ ތެރެއިން ވަރަށް އަވަހަށް މައުލޫމާތު ލީކުވުން ކަމަށެވެ.