22 Oct 2014, 17:01
ވޮޝިންޓަން (އޮކްޓޯބަރ 22) : އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ދެމުންގެންދާ ވައިގެ ޙަމަލާތަކަށް ކޮންމެ ދުވަހަކު އެވްރެޖްކޮށް 7.6 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާ ކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާން އެޑްމިރަލް ޖޯޖް ކާބީ ވިދާޅުވީ އައިއެސްއާ ދެކޮޅަށް އެމެރިކާ އާއި އެމެރިކާއާ ގުޅިފައިވާ އިއްތިޙާދުގެ ގައުމުތަކުން ހިންގަމުން ގެންދާ ވައިގެ އޮޕަރޭޝަންތަކަކީ ޚަރަދު ބޮޑު އޮޕަރޭޝަންތަކެއް ކަމަށާ މިއޮޕަރޭޝަންތަކަށް އެއްމަސްދުވަހުގެ ތެރޭގައި ހަތަރު ސަތޭކަ ސައުވިސް މިލިޔަން ޑޮލަރު ޚަރަދުވެފައިވާ ކަމުގަ އެވެ. މިއޮޕަރޭޝަންތަކަށް އެވްރެޖްކޮށް ދުވާލަކު7.6 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާ ކަމަށް ވެސް އެޑްމިރަލް ކާބީ ވިދާޅުވި އެވެ.
އައިއެސްއާ ދެކޮޅަށް އެމެރިކާ ދޭ ހަމަލާތަކުގެ ތެރޭގައި ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން ދޭ ޙަމަލާތަކާއި ފައިޓަރޖެޓް ބޭނުންކޮށްގެން ދޭ ހަމަލާތަކުގެ އިތުރުން ކްރޫޒް މިސައިލުން ދޭ ހަމަލާތައްވެސް ހިމެނެ އެވެ. އެވްރެޖްކޮށް އައިއެސްގެ އަމާޒުތަކަށް އެމެރިކާއާއި އެމެރިކާ އުފައްދާފައިވާ އިއްތިޙާދުގެ ގައުމުތަކުން ދުވާލެއްގެ މައްޗަށް ފަސް ޙަމަލާއާއި 10 ޙަމަލާއާ ދެމެދުގެ އަދަދަކަށް ހަމަލާތައް ދޭކަމަށް ކަމާބެހޭ އަސްކަރީ ބަޔާންތައް ބުނެ އެވެ.
އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ހިންގަމުން ގެންދާ ވައިގެ އޮޕަރޭޝަންތަކުގައި އެކި ގޮތްގޮތަށް 20 ގައުމު ބައިވެރިވާ ކަމަށް ޕެންޓަގަންއިން ބުނެ އެވެ. މީގެތެރެއިން ގިނަ ގައުމުތައް ބައިވެރިވަނީ ލޮޖިސްޓިކް ގޮތުންނެވެ. ހަމަލާތައް ދިނުމުގައި އާންމު ގޮތެއްގައި ބައިވެރިވަނީ އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ސައޫދީ އަރަބިޔާއާއި ޔޫއޭއީ އާއި އުރުދުން އެވެ. ނަމަވެސް އޮސްޓްރޭލިޔާއާއި ކެނެޑާއިން ވަނީ މިކަމަށް ބޭނުންވާ އަސްކަރީ ބައެއް މަތިންދާބޯޓު ގަލްފުގެ ސަރަހައްދަށް ފޮނުވާފަ އެވެ.
އައިއެސް އާ ދެކޮޅަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ދެމުންގެންދާ ވައިގެ ޙަމަލާތަކަށް ހިނގާ ޚަރަދުތަކުގެ ބޮޑުބައި ތަހައްމަލް ކުރަނީ އެމެރިކާއާއި ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކުން ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް މިއޮޕަރޭޝަންތަކަށް ހިނގާ ޚަރަދުތައް އެމެރިކާ އާއި އެމެރިކާ އުފައްދާފައިވާ އިއްތިޙާދުގެ ގައުމުތަކުން ހިއްސާކުރާގޮތް ޕެންޓަގަންއިން ހާމަކޮށްފައެއްނުވެ އެވެ. (ރޮއިޓާސް)