22 Oct 2014, 15:17
އުރީދޫގެ ބްރޭންޑް އެމްބެސެޑަރު ލިއޯ މެސީ ހިމަނައިގެން އެކުންފުނިން ކުރިއަށްގެން ދިޔަ ފުރަތަމަ ބައިނަލްއަގުވާމީ ކޮމިއުނިކޭޝަން ކެމްޕޭންގެ ރާއްޖެ އިން ހޮވުނު ނަސީބުވެރިޔާ އިއުލާނުކޮށްފި އެވެ.
އުރީދޫ ގްރޫޕުގެ ގައުމުތަކަށް ނިސްބަތްވާ ހުނަރު ދައްކާލި ކުދިންގެ ތެރެއިން ރާއްޖެ އިން މެސީއާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިފައި ވަނީ، ފުޓުބޯޅަ އަށް ލޯބިކުރާ އަދި މެސީފަދަ ކުޅުންތެރިއެއް ނެތް ކަމަށް ގަބޫލުކުރާ ޒުވާނެއްކަމުގައިވާ ރ. ކަނދޮޅުދޫ އަށް އުފަން އުމުރުން 23 އަހަރުގެ ސާމިރު ހުސެއިން އަށެވެ.
ފީފާ ވޯލްޑް ކަޕް 2014ގައި އިއުލާނުކުރި އެ ބައިނަލްއަގުވާމީ ކެމްޕޭން ކުރިއަށްދިޔައީ "ސިމްޕްލީޑޫވިންޑާސް" ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނަކާ އެކުގަ އެވެ. އަދި ފުޓްބޯޅައިގެ ހުނަރު ދައްކުވައިދޭ ވީޑިއޯތައް އިންސްޓަގްރާމަށް "މީޓްމެސީ" ހޭޝްޓެގް ބޭނުންކޮށްގެން އަޕްލޯޑް ކުރުމަށް ފުރުސަތު ހުޅުވާލި އެވެ.
އެގޮތުން ފުޓްބޯޅައިގެ ހުނަރު ދައްކާލި މީހުންގެ ތެރެއިން ލިއޯ މެސީ ހޮވި ވީޑިއޯތައް މިހާރު ވަނީ www.simplydowonders.comގައި އިއުލާނުކޮށްފަ އެވެ. އެގޮތުން ރާއްޖެ އިން ސާމިރު އަށް އެ ފުރުސަތު ލިބިފައިވާ އިރު އޭނާ އަށް މެސީއާ ބައްދަލުކުރުމުގެ އިތުރުން ބާސެލޯނާގެ ފުޓްބޯޅަ މެޗެއް ވެސް ބަލާލެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
"އެންމެ ފުރަތަމަ ސިމްޕްލީޑޫވޮންޑާސް ސައިޓުގައި ވިނާސްގެ ތެރޭގައި އަޅުގަނޑުގެ ވީޑިއޯ އިންތަން ފެނުނީމާ ގަބޫލު ވެސް ނުކުރެވުނު. އެކަމަކު ފަހުން އުރީދޫ އިން އަޅުގަނޑު ހޮވިފައިވާކަން އިއުލާނުކޮށް ދިނުމުން ވަރަށް އުފާވި." ސާމިރު ބުންޏެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ދިވެހި ކުއްޖެއް ނަސީބުވެރިންގެ ތެރޭގައި ހޮވުމުން ފަހުރުވެރިވާ ކަމަށާއި ދިވެހި ކުޅުންތެރިއެއްގެ ހުނަރު މިފަދަ ކެމްޕޭނަކުން މެސީއަށް ފެނި، އެވީޑިއޯ ވިނާސްގެ ތެރޭގައި ހިމެނުމަކީ ދިވެހިންނަށް ލިބޭ ފަހުރެއް ކަމަށެވެ.