ބޭނުންވާ ތަނެއްގައި ރާވާލެވޭ ކަހަލަ ޕޮލިސް ސްޓޭޝަންތަކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑް (ޑީއޯސީ) ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އަތޮޅުތަކުގައި ހުރި ޕޮލިސް ސްޓޭޝަންތަކުގެ މޮޑެލް ބަދަލު ކުރަން ނިންމީ މިހާރު ހުރި ޕޮލިސް ސްޓޭޝަންތަކަކީ ކޮންމެވެސް މީހެއްގެ ގެއެއް ކުއްޔަށް ހިފައިގެން އެ ގޭގައި ކުލަ ލައި ނަންބޯޑު ބަދަލުކޮށްގެން ހިންގާ ތަންތަނަށް ވާތީ ކަމަށެވެ. އަދި އެގޮތަށް ކުއްޔަށް ހިފައިގެން ޕޮލިސް ސްޓޭޝަންތައް ހިންގުމަކީ ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އެއީ ހަރަދު ބޮޑު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ބައެއް ފަހަރު ބޭނުންވާ ވަރަށް ވުރެ ތަންތަނުގައި ޕޮލިސް ސްޓޭޝަން ހިންގަން ޖެހުމުން ހަރަދު ބޮޑުވާކަން ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާވާ ޕޮލިސް ސްޓޭޝަންތައް ބެހެއްޓުމުގައި ހާއްސަ އިސްކަމެއް ދޭނީ ކުދި ރަށްރަށަށާއި މެދުފަންތީގެ ރަށްތަކަށް ކަމަށެވެ.

"މިއީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބޭނުންކުރާ މޮޑެލްތަކެއް. ޕޮލިސް ސްޓޭޝަން ހުންނާނީ ބޭނުންވާ ވަރަށް. އެއަށް ވުރެ ބޮޑު ކޮށެއް ނޫން އެއަށް ވުރެ ކުޑަކޮށެއްނޫން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރާވާ ޕޮލިސް ސްޓޭޝަންތަކުގައި މީހުން ހައްޔަރުކޮށް ފާހާނާކޮށް ނިދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅިގެން އެ މިނިސްޓްރީ އިން މިހާރު ޗައިނާ އަށް ދަތުރެއްކޮށް ސަޕްލަޔަރުންނާ ވާހަކަ ދައްކައިފައިވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ރާވާ ޕޮލިސް ސްޓޭޝަނުގެ މޮޑެލްއެއް މާލެ ގެނެސް ކޮންމެ ވެސް އެއް ހިސާބެއްގައި އަތުރާލުމުން ރަނގަޅު ކަމަށްވަންޏާ އިތުރު މޮޑެލްތަކަށް އޯޑަރު ކުރާނެ ކަމަށެވެ. އަދި ފުރަތަމަ ގެންނަނީ އެޓޯލް ޕޮލިސް ސްޓޭޝަނެއްގެ މޮޑެލްއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މޮޑެލް އަންނަ އަހަރު ރާއްޖެ ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެމަނިކުފާނު ހޯމް މިނިސްޓަރު ކަމާހަވާލުވެވަޑައިގަތް އިރު ފުލުހުންގެ 80 ވެހިކަލަށް ބޭނުންވާ ސްޕެއާ ނެތިގެން ބޭނުން ނުކުރެވި އޮތް ކަމަށެވެ. އަދި އެތަކެއްޗަށް ބޭނުންވާ ސްޕެއާޕާޓްސްތައް ގަންނަން މިހާރު އޯޑަރު ދީފައިވާ ކަމަށާއި އެތަކެތި އައުމުން އެ ވެހިކަލްތަކުގެ ބޭނުން ވަރަށް އަވަހަށް ހިފިގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.