ހައްޖަށް ދިއުމަށްޓަކައި އެކި އެކި އަހަރުތަކުގައި ޖަމާއަތްތަކަށާއި ކުންފުނިތަކަށް ފައިސާ ދެއްކުމަށް ފަހު ހައްޖަށް ދިއުމުގެ ފުރުސަތު ނުދެވި ތިބި ފަރާތްތަކަށް އަންނަ އަހަރު ހައްޖަށް ދޭވޭނެ ގޮތް ހަދައިދިނުމަށް ޓަކައި ޖާގަ ހޯދައިދިނުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މިނިސްޓްރީ އިން އަންނަ އަހަރު އެ ފުރުސަތު ދޭނީ އެކިއެކި ޖަމާއަތްތަކަށް ފައިސާ ދެއްކުމަށް ފަހު ހައްޖަށް ދިއުމުގެ ފުރުސަތު ގެއްލިފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ހަރަދުގައި އަންނަ އަހަރު ހައްޖަށްދާން ބޭނުންވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އެ ފަރާތްތަކުގެ ހަރަދުތައް މިނިސްޓްރީ އިން މިފަހަރު ބަލަހައްޓާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަންނަ އަހަރަށްވާ އަދަދަަށް ފައިސާ ދެއްކުމުން އެ ފަރާތެއް ހައްޖަށް ގެންދިއުމުގެ މަސައްކަތް މިނިސްޓްރީ އިން ކުރާނީ. މިނިސްޓްރީ އިން ވަނީ އެފަދަ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ފަށާފައި،" އޮފިޝަލް ވިދާޅުވި އެވެ.

އަންނަ އަހަރު ހައްޖަށް ދާން ބޭނުންވާ އެފަދަ ފަރާތްތަކުން ހައްޖަށް ދިއުމަށް ޓަކައި ޖަމާއަތަށް ނުތަވަ ކުންފުންޏަކަށް ފައިސާ ދެއްކި ކަމުގެ ރަސީދުކޮޅު ހިފައިގެން ނޮވެމްބަރު މަހުގެ 23ގެ ކުރިން މިނިސްޓްރީ އަށް ހާޒިރުވެ އެ މައުލޫމާތު ހިއްސާ ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ ހައްޖަށް ދިއުމަށް ޓަކައި ފައިސާ ދެއްކުމަށް ފަހު ހައްޖަށް ނުދެވި ތިބި ގިނަ ބައެއްގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބެމުން އަންނަ ކަމަށެވެ. އަދި ފަތުހު ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 20 އަކަށް ޝަކުވާ މިހާރު ވެސް އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަހަރު ހައްޖަށް ގެންދިއުމަށްް ޓަކައި އިސްލާމިކް މިނިސްޓްރީ އިން ހުއްދަ ދިން ހަތަރު ކުންފުނީގެ ތެރޭގައި ހިމެނޭ އަލްފަތުހު ޖަމާއަތުގެ ފަރާތްތުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު، ފަހުވަގުތު އެ ކުންފުނި ބަގުރޫޓްވެފައި ވާތީ އެ މީހުން ހައްޖަށް ނުގެންދެވޭނެ ކަމަށް ބުނެފަ އެވެ. އަދި އެ ކުންފުންޏަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 118 މީހަކު މިއަހަރު ހައްޖަށް ގެންގޮސްފައި ވަނީ ސަރުކާރުގެ އެހީގައި އެވެ.