24 Jan 2011, 22:13
ސޯލް : އުތުރު ކޮރެޔާއާއެކު މަތީފެންވަރުގެ ޢަސްކަރީ ވާހަކަތަކެއް ދައްކަން ބޭނުންވާކަން ދެކުނު ކޮރެޔާ ހާމަކޮށްފިއެވެ.
ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާގެ އިސްމ ަސްއޫލުވެރިއަކާ ޙަވަލާދީ އެޤައުމުގެ ޔޫންހާބު ނޫސްއެޖެންސީ ބުނިގޮތުގައި ދެކުނު ކޮރެޔާ ރާވާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބު އުތުރުކޮރެޔާއާއެކު މަތީފެންވަރުގެ ޢަސްކަރީ ވާހަކަތަކެއް ބޭއްވުމަށެވެ. މިވާހަކަތައް ބޭއްވުމަށް ދެކުނު ކޮރެޔާ ހުށަހަޅަނީ ދެޤައުމުގެ ސަރަޙައްދީ ރޮނގުގައިވާ ބާންމޫންގޫމް ވިލެޖްގައި ކަމަށާއި މިކަން އުތުރަށް ވަރަށް އަވަހަށް އަންގާނެ ކަމަށް ޔޫންހާބު ނޫސްއެޖެންސީ ބުނެއެވެ.
އުތުރުކޮރެޔާވެސްވަނީ ދެކުނު ކޮރެޔާއާއެކު މަތީފެންވަރުގެ ޢަސްކަރީ ބައްދަލުވުންތަކެއް ބޭއްވުމަށް މިދިޔަ ހަފްތާގައި ދެކުނު ކޮރެޔާއަށް ހުށަހަޅާފައެވެ. އަދި ދެކުނު ކޮރެޔާއިންވަނީ މިހުށަހެޅުން ޤަބޫލުކުރިކަން ރަސްމީކޮށް އުތުރު ކޮރެޔާއަށް އަންގާފައެވެ. ދެވަނަ ބޮޑުހަނގުރާމައަށްފަހު ދެބައިވި ދެ ކޮރެޔާއަކީ ކުރިން އެއް ޤައުމެވެ. ނަމަވެސް ދެކޮރެޔާ އުފެދުމަށްފަހު 1950 ގެ އަހަރުތަކުގައި ދެކޮރެޔާގެ ދެމެދުގައި ހަނގުރާމަ ހިނގައި ދެޤައުމުގެ ހަތުރުވެރިކަން ކުރިޔަށްވުރެ ބޮޑުވެގެން ދިޔައެވެ.
ދެކޮރެޔާގެ ހަނގުރާމަ ނިމުމަށްފަހުވެސް ދެޤައުމުގެ ދެމެދުގައި ދާއިމީ ސުލްޙައިގެ އެއްބަސްވުމެއް ޤާއިމްވެފައިނުވުމުގެ ސަބަބުން ދޭތެރެއަކުން ދެޤައުމުގެ ގުޅުންތައް އިތުރަށް ގޯސްވެ ހަނގުރާމައެއްގެ ތުންފަތްމައްޗަށް ދެއެވެ. މިގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައިވެސް ސަރަޙައްދީ ރޮނގު ހުރަސްކޮށް ދެޤައުމުން ބޮޑުބަޑީގެ ހަމަލާތައް ބަދަލުކޮށްފައި ވެއެވެ. މިޙަމަލާތަކުގައި ދެކުނު ކޮރެޔާ ސިފައިންގެ ހަތަރު މީހަކު މަރުވެފައި ވެއެވެ.