މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ޔޫތު މިނިސްޓްރީ އިން ގުޅިގެން މާލޭގެ ޓްރެކް ސަރަހައްދު ސާފު ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

ޔޫތު މިނިސްޓްރީގެ އެދުމުގެ މަތިން ކުރިއަށް ދިޔަ އެ ޕްރޮގްރާމް ފަށާފައި ވަނީ މިއަދު ހެނދުނު 10:00 ގަ އެވެ.

އެމްއެންޑީއެފް އިން ބުނެފައި ވަނީ ޓްރެކް ސަރަހައްދު ސާފު ކުރަން ޖެހުނީ އެތަނަށް ކުނި އެޅި ހަޑިވުމާ ގުޅިގެން އާންމުންނަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުމުން ކަމަށެވެ.

ޓްރެކް ސާފު ކުރުމުގެ މި ޕްރޮގްރާމުގައި ސިޓީ ކައުންސިލުންނާއި ޔޫރޯ ސްޓޯރުގެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އެ ޕްރޮގްރާމް ބެއްލެވުމަށް ޓަކައި ޓޫއަރިޒަމް މިނިސްޓަރު އަޙުމަދު އަދީބް އާއި މާލެ އޭރިއާގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރާއި ކޯސްޓްގާޑުގެ ކޮމާންޑަރު ކާނަލް މުޙައްމަދު އިބްރާހިމްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އިސްބޭފުޅުން ވަޑައިގަތެވެ.