22 Oct 2014, 14:18
އަންނަ އަހަރަށް ލަފާކޮށް ޖުމުލަ 93 މިލިއަން ރުފިޔާގެ ބަޖެޓެއް އޮޑިޓާ ޖެނެރަލް އޮފީހުން ހުށައަޅައިފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި ޕީއެސްޕީ ނުހިމަނާ ބަޖެޓުގެ ޖުމުލަ އަދަދަކީ 58 މިލިއަން ރުފިޔާ އެވެ. އަދި އެ ބަޖެޓުގައި އޮފީސް އިމާރާތެއް އެޅުމަށް 34 މިލިއަން ރުފިޔާ ހިމަނައިގެން ޖުމުލަ އެ ބަޖެޓު ވަނީ 93 މިލިއަން ރުފިޔާ އަށް އަރާފަ އެވެ.
އެބަޖެޓާ ގުޅޭ ގޮތުން މާލިއްޔަތު ކޮމެޓީގައި ބަހުސް ކުރަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު (ރެޑްވޭވް ސަލީމް) ވިދާޅުވީ މި އަހަރު އޮޑިޓް އޮފީހަށް ދީފައިވާ ބަޖެޓު ވެސް ބޮޑު ބައެއް ހަރަދު ނުކުރެވި އަދި އެ އޮފީހުން ހުށައަޅާފައިވާ ވޯކް ޕްލޭނާ އެއްގޮތަށް މި އަހަރު މަސައްކަތްތައް ކުރިއަށް ނުގޮސްފައިވާ އިރު އަންނަ އަހަރަށް ލަފާކޮށް އެހާ ބޮޑު ބަޖެޓެއް ދިނުމުގައި ބައެއް ކަންކަން ބަލަން ޖެހޭ ކަމަށެވެ.
"މިއަހަރު ހިނގާ ބަޖެޓުން ދައްކާ ގޮތުގައި އޮޑިޓާ ޖެނެރަލް އަކަށް މި ހަރަދެއް ނުކުރެވޭނެ، ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައެއް،" ސަލީމް ވިދާޅުވި އެވެ.
އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޢަބްދުލްގަފޫރު މޫސާ ވިދާޅުވީ މި އަހަރަށް އޮޑިޓް އޮފީހަށް ދިން ބަޖެޓުން ހަރަދުތަކެއް ނުކޮށް ހުރުމަކީ އަންނަ އަހަރަށް އެއޮފީހަށް ބޭނުންވާ ކަމަށް އެ އޮފީހުން ބުނާ ބަޖެޓު ނުދޭންވީ ސަބަބެއް ނޫން ކަމަށެވެ. އެގޮތުން އޮޑިޓް އޮފީހުން ހުށައަޅާފައިވާ ބަޖެޓަށް ތާއީދު ކުރާ މޭރުމަކުން ގަފޫރު ވާހަކަ ދެއްކެވި އެވެ.
އެކޮމެޓީގައި ވާހަކަ ދެއްކި ހުރިހާ މެމްބަރުން ވެސް އޮޑިޓް އޮފީހުން ހުށައެޅި ބަޖެޓަށް ތާއީދު ކުރި ނަމަވެސް ބައެއް ކަންކަން އޮޑިޓް އޮފީހުގެ ފަރާތުން ސާފު ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ހާއްސަކޮށް އޮޑިޓް އޮފީހުން ބަޖެޓުގައި ހިމަނާފައިވާ އިމާރާތުގެ ކަންތަކުގައި އިތުރަށް ބައެއް ކަންކަން ސާފު ކުރަން މެމްބަރުން ބޭނުންވާތީ އެކޮމެޓީގެ މެމްބަރުން ނިންމާފައި ވަނީ އޮޑިޓް އޮފީހާއި ފިނޭންސް މިނިސްޓްރީގެ އިސް ފަރާތްތައް މިރޭ މާލިއްޔަތު ކޮމެޓި އަށް ގެނެސް ސުވާލުތަކުގެ ޖަވާބް ހޯދުމަށެވެ.
އޮޑިޓާ ޖެނެރަލް އޮފީސް އިމާރާތެއް ބޭނުންވެގެން ފަހަކަށް އައިސް ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް ހިމަނަ އެވެ. ނަމަވެސް އެ ފައިސާ އުނިކުރަނީ ދައުލަތުގެ ބަޖެޓު މާބޮޑުވެގެން ދާތީ ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިންނެވެ.
މިއަދުގެ ކޮމެޓީގައި ދެން މަޝްވަރާ ކޮށްފައި ވަނީ އޮޑިޓް އޮފީސް އޮޑިޓް ކުރާނެ ފާމެއް ކަނޑައެޅުމަށެވެ. އެކަމަށް ތިން ކުންފުންޏަކުން ކުރިމަތިލާފައިވާ އިރު ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވީ އޮޑިޓް ކުރުމަށް އެންމެ ހެޔޮ އަގެއް ހުށައަޅަފައި ވަނީ ޕްރައިސް ވޯޓާ ހައުސް ކޫފާސް އިން ކަމަށްވާ އިރު އެކުންފުންޏަށް ދިނުމަށް ހުށައަޅަ ކަމަށެވެ. އެކަމަށް ބައެއް މެމްބަރުން ވަނީ ތާއީދު ވެސް ކުރައްވާފަ އެވެ. ނަމަވެސް މަހިބަދޫ ދާއިރާގެ މެމަބަރު އަހުމަދު ތޯރިގް ވިދާޅުވީ އޮޑިޓް ފާމެއް ކަނޑައަޅަން ވާނީ ރަނގަޅަށް ދިރާސާކޮށް ބެލުމަށް ފަހު ކަމަށެވެ. އެގޮތުން މިއަދުގެ ކޮމެޓީއިން ނިންމީ އެކަމަށް މިރޭ ގޮތެއް ނިންމުމަށެވެ.