22 Oct 2014, 13:25
ބަހުރެއިން ގައި މިހާރު ކުރިއަށްދާ އޭޝިއަން ޖޫނިއާ މެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ޕްލިމިނަރީ ބުރުގެ އެންމެ ފަހު މެޗުގައި ސައޫދީ އަރަބިއްޔާގެ ޓީމާއި ވާދަކޮށް ރާއްޖޭގެ ވޮލީޓީމް ބަލިވެއްޖެ އެވެ.
ސައޫދީ އަރަބިއްޔާގެ ޓީމާ ވާދަކޮށް ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމް ބަލިވީ ސީދާ ތިން ސެޓުންނެވެ. ސައޫދީ ޓީމް އިން ސެޓުތައް ގެންދިޔައީ 26-24 ، 25-15 އަދި 25-18 ންނެވެ.
ރާއްޖޭގައި އުފެދުނު މޮޅު ވޮލީބޯޅަ ކުޅުންތެރިއެއް ކަމަށްވާ އިބްރާހިމް ނިޒާރުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ދިވެހި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގެ ޕްލިމިނަރީ ބުރުގައި ކުރިން ދިވެހި ޓީމް ކުޅުނު ދެމެޗުން ވެސް ވަނީ ބަލިވެފަ އެވެ. ތައިލޭންޑާއި ބަހުރެއިން އަތުން ބަލިވިޔަސް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސައޫދީ ޓީމާއި ދެކޮޅަށްކުޅުނު މެޗުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ކުރިއެރުންތަކެއް ފެނިގެން ގޮސްފައިވެ އެވެ.
ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމް ވަނީ މިދިޔަ މަހު ލަންކާގައި ބޭއްވި އޭޝިއަން ބޯއިސް ޗެމްޕިއަންޝިޕުގެ ރޭންކިންގް މެޗެއްގައި ސައުދީ އަރަބިއްޔާ އާ ވާދަކޮށް ބަލިވެފަ އެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމިފައިވާ އިރު ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޓީމް ކުޅޭ ރޭންކިންގް މެޗުތައް މި މަހު 23 އަދި 24ގައި ކުޅޭނެ އެވެ.