ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ބާސެލޯނާ އިން އަޔެކްސްގެ މައްޗަށް ކުރިހޯދައިފި އެވެ. ގްރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި އަޔެކްސް އާ ވާދަކޮށް ބާސެލޯނާ އިން ކުރިހޯދީ 3-1 ންނެވެ.

ކޭމްޕް ނޫގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ބާސެލޯނާ އިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމުން ޖެހި ފުރަތަމަ ގޯލް މެޗު ފަށައިގެން މާގިނައިރުތަކެއް ނުވެ ހަތްވަނަ މިނުޓުގައި ކާމިޔާބުކޮށް ދިނީ މެސީގެ އެސިސްޓަކާ އެކު ފޯވަޑް ނޭމާ އެވެ. މިއީ މި ސީޒަންގެ މުބާރާތުގައި ނޭމާ ބާސާ އަށް ކާމިޔާބުކޮށްދިން ތިން ވަނަ ގޯލެވެ.

ބާސާގެ ދެވަނަ ގޯލް މެޗުގެ 24 ވަނަ މިނުޓުގައި ލިއޮނެލް މެސީ ކާމިޔާބުކޮށްދިން އިރު މެޗު ނިމެން ކައިރިވެފައި ވަނިކޮށް އަޔެކްސް އަށް ފަރަގު ކުޑަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލްވާރް އަލްގާޒީ އެވެ. އަލްގާޒީ ލަނޑު ޖަހައިފައި ވަނީ ދެވަނަ ހާފުގެ 88 އަށްވަނަ މިނުޓުގަ އެވެ.

ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާ އިން ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި މެސީގެ ބަދަލުގައި ކުޅެން ނުކުތް ފޯވަޑް ސާންޑްރޯ ރަމިރޭޒް އެވެ.

ބާސެލޯނާގެ ފޯވަޑް މެސީ އަށް އަރާމު ދިނުމުގެ ގޮތުން މެނޭޖަރު ލުއިސް އެންރީކޭ ވަނީ ދެވަނަ ހާފުގައި މެސީ ބަދަލުކޮށްފަ އެވެ. މެޗުގައި އާޖެންޓީނާގެ ފޯވަޑްގެ ފަރާތުން މެޗުގައި މޮޅު ޕާސްތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. ޚާއްސަ ގޮތެއްގައި ދަނޑުމަތީގައި ނޭމާ އާއި މެސީގެ ޕާޓްނާޝިޕް ފެނުނީ ވަރަށް ފުރިހަމަ ކޮށެވެ. މެޗުގައި މެސީ ކާމިޔާބުކޮށްދިން ލަނޑާއެކު މިސީޒަންގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު މިހާރު ވަނީ 11 އަށް އަރާފަ އެވެ. އޭނާ ވަނީ ލަނޑު ޖެހުމުގެ އިތުރުން އެހެން ކުޅުންތެރިންނަށް ލަނޑު ޖަހޭނެ ފުރުސަތުތައް ތަނަވަސް ކޮށްދީ މިސީޒަންގެ އެކި މުބާރާތްތަކުގައި މިހާތަނަށް 11 އެސިސްޓް ވެސް ކޮށްދީފަ އެވެ.

އަމިއްލަ ދަނޑުގައި ބާސެލޯނާ އަށް ލިބުނު މޮޅާ އެކު އެޓީމް އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕް އެފްގެ ދެވަނައިގަ އެވެ. މެޗުން ބަލިވި އަޔެކްސް ދެ ޕޮއިންޓާ އެކު ތިންވަނައިގައި އޮތް އިރު ގްރޫޕުގެ އެންމެ ކުރީގައި އޮތީ ރޭ އަޕޮއެލް އެފްސީ އާ ވާދަކޮށް 1-0 ން މޮޅުވި ފްރާންސްގެ ޕީއެސްޖީ އެވެ.