22 Oct 2014, 13:19
ހަގީގަތާއި ކޮމްޕިއުޓަރު ޓެކްނޮލޮޖީއާ ގުޅުވާލާނެ އާދަޔާޚިލާފު އާލާތްތަކެއް އުފައްދަން އެމެރިކާގައި ހުންނަ "މެޖިކް ލީޕް" ކުންފުނިން މަސައްކަތްކުރާ ކަމަށް މީޑިއާގެ ރިޕޯޓުތައް ބުނެފި އެވެ.
އެމެރިކާގެ ނޫހެއް ކަަމަށްވާ ޓެކް ޓައިމްސް އިން ބުނި ގޮތުގައި ހަގީގަތާއި ކޮމްޕިއުޓަރު ޓެކްނޮލޮޖީއާ ގުޅުވައިދޭ މިއާލާތް މިހާރު ވަނީ ނިމުމުގެ އެންމެ ފަހު މަރުހަލާގަ އެވެ. އެއާލާތް ހަގީގަތަކަށް ވެއްޖެ ނަމަ ކުރިން އުފައްދާފައިވާ ހުރިހާ އާލާތަކަށް ވުރެ ހަގީގަތާ މާ އެއްގޮތް 3ޑީ ތަޖުރިބާއެއް މިއާލާތުން ކުރެވޭނެ ކަމަށް ވެސް އެނޫހުން ބުންޏެވެ. ބޮޑަށް ހަގީގަތާ އެއްގޮތަށް ފެންނަ ފަދަ ސޮފްޓްވެއާ އަކާއި ހާޑްވެއާ އެއް އުފެއްދުމަށް "މެޖިކް ލީޕް" ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީހުންނަށް މިހާރު ވެސް ފެންނަ ތަކެއްޗަށް، ކޮމްޕިއުޓަރުން އުފައްދާފައިވާ ފަށަލައެއް (އޯވަލޭ) އެއް ލުން އޭގެ ތެރޭގައި ހިމެނެ އެވެ.
"'މެޖިކް ލީޕް' އިން އުފައްދާ މިއާލާތުން މިހާރު މީހުން އެކަކު އަނެކަކާއި މުއާމަލާތްކުރާ ގޮތާއި، ވިޔަފާރިކުރާ ގޮތާއި އުނގެނޭގޮތާއި ގޭމް ކުޅޭގޮތް ވެސް މުޅިން ބަދަލުކޮށްލާނެ." ހަގީގަތާއި ކޮމްޕިއުޓަރު ޓެކްނޮލޮޖީއާ ގުޅުވާދޭ މިއާލާތް އުފައްދަމުން އަންނަ ކުންފުނި ކަމަށްވާ "މެޖިކް ލީޕް"ގެ ސީއީއޯ ރޮނީ އެބޮވިޓްޒް ޓެކް ޓައިމްސް ނޫހަށް ބުންޏެވެ.
ހަގީގަތާއި ކޮމްޕިއުޓަރު ޓެކްނޮލޮޖީއާ ގުޅުވައިދޭ މިއާލާތަކީ ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޓެކް ޓައިމްސްއިން ބުންޏެވެ. ގޫގުލްގެ 524 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓަކާ އެކު އުފެއްދުމުގެ މަސައްކަތް ފަށާފައިވާ އެއާލާތް އަދި އާންމުންނަށް ދައްކާލާފައެއް ނުވެ އެވެ. ނަމަވެސް އެއާލާތަކީ ޓެކްނޮލިޖީގެ މުސްތަގުބަލު ބަދަލުކޮށްލާނެ އާލާތެއް ކަމަށް އެނޫހުގައި ބުނެފައިވެ އެވެ.
"އެއާލާތުގެ ވަރުގަދަކަމުން އަހަރެންނަށް ގަބޫލުކުރަން ވެސް އުނދަގޫވި. އެއާލާތް ހުރިހާ އެއްޗެއް ބަދަލުކޮށްލާނެ. އެެއާލާތަކީ ޓްކްނޮލޮޖީގެ މުސްތަގުބަލުގައި ނިޝާނެއްލާ ވަރުގެ އެއްޗެއް." މީޑިއާ ކުންފުންޏެއް ކަމަށްވާ ލެޖެންޑަރީ އެންޓަޓެއިންމަންޓްގެ ސީއީއޯ ތޮމާސް ޓަލް ޓެކް ޓައިމްސްއަށް ބުންޏެވެ.
'ލޯޑް އޮފް ދަ ރިންގްސް'، 'ދަ ހޮބިޓް' ފަދަ ފެންޓަސީ ފިކްޝަން ފިލްމުތަކުގެ ސެޕަޝަލް އިފެކްޓްސް ޓީމުގައި މަސައްކަތްކުރި މީހުންގެ އެހީއާ އެކު "މެޖިކް ލީޕް"އިން އުފައްދާ އެއާލާތް އާންމުންނާ ހަމައަށް ގެނެވޭނެ ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއާލާތް އުފައްދާ "މެޖިކް ލީޕް" ކުންފުނީގެ ވެބްސައިޓުގައި އެއާލާތް ބޭނުންކޮށްގެން ނަގާފައި ހުރި ފޮޓޯތަކެއް ފެންނަށް އެބަހުރި ކަމަށް ޓެކް ޓައިމްސް ނޫހުން ބުންޏެވެ.