ކަރްބަލާ: ޝިޔައީންގެ މުޤައްދަސް ރަށެއްކަމަށްވާ ޢިރާގުގެ ކަރްބަލާގެ އިމުގެ ކައިރީގައި ކާރު ބޮމުގެ ދެ ބޮންގޮއްވާލުމުގެ ސަބަބުން 25 މީހަކު މަރުވެ 50 އަށްވުރެ ގިނަމީހުން ޒަޚަމްވެއް ޖެވެ. ގޮވާތަކެތިން ބަރުކޮށްފައިވާ މިދެކާރު ގޮއްވާލާފައިވަނީ އިމާމް ޙުސައިންގެފާނުންގެ ސާޅީސް ފާހަގަ ކުރުމުގެ ގޮތުން ކަރްބަލާގައިވާ މަޒާރުތަކަށް ޝިޔަޢީންގެ އެތަށް މިލިޔަން ބަޔަކު ޒިޔާރަތް ކުރަމުން ގެންދާ ވަގުތެއްގަ އެވެ.

މިދެކާރު ގޮއްވާލާފައިވަނީ ކަރްބަލާގެ ސިޓީއާ ފަސް ކިލޯމީޓަރުގެ ދުރުގައިވާ ހިސާބެއްގައި ކަމަށް ޢިރާޤު ފުލުހުން ބުނެއެވެ. އިމާމް ހުސައިންގެފާނުގެ ސާޅީސް ފާހަގަ ކުރުމަކީ އެކަލޭގެފާނު ކަރްބަލާގައި ޝަހީދުވެ ވަޑައިގަތުމަށްފަހު ކޮންމެ ހިޖްރީ އަހަރެއްގެ ސަފަރުމަހު ޝިޔައީ މަޛްހަބުގެ މީހުން ފާހަގަކުރާ މުނާސަބާއެކެވެ. ސައްދާމް ޙުސައިންގެ ވެރިކަމުގައި މިމުނާސަބާ ފާހަގަ ކުރުމުގެ ފުރްސަތު ޝިޔަޢީންނަކަށް ނުދެއެވެ. މިއަހަރުގެ މިމުނާސަބާ ފާހަގަކުރުމުގެ ގޮތުން ކަރްބަލާއަށް ޒިޔާރަތް ކުރަމުން ގެންދާ މީހުންގެ ޢަދަދު 10 މިލިޔަނަށްވުރެ ވެސް އިތުރުވާނެ ކަމަށް ޢިރާޤުން ބުނެއެވެ. މީގެތެރޭގައި ގިނައީ ޢިރާޤާއި އީރާނުގެ ރައްޔިތުންނެވެ.

ކަރްބަލާގައި އަމްނު ޤާއިމް ކުރުމަށް ޢިރާޤުގެ ސަލާމަތީ ބާރުތަކުގެ 35 ހާހެއްހާ މީހުން ޙަރަކާތްތެރިވަމުންދާ ކަމަށް ޢިރާގުގެ ދާޚިލިއްޔާއިން ބުނެއެވެ. މިމުނާސަބަތާ ދިމާކޮށް ވޭތުވެދިޔަ އަހަރުތަކުގައި ކަރްބަލާގައި ބޮންގޮއްވައިގެން ޝިޔަޢީންގެ އެތަށް ސަތޭކަ ބަޔަކު މެރުމުގެ ޖަރީމާތައް ހިންގާފައިވެއެވެ. ކަރްބަލާއަށް ޒިޔާރަތްކުރާ މެހްމާނުންނަށް އަމާޒުކޮށްދެވޭ މިފަދަ ބޮމުގެ ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް ބެލެވިފައިވަނީ ހައްދުފަހަނަޅާފައިވާ ސުންނީ ޖަމާއަތްތަކާއި އަލްޤާޢިދާއަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމަށް ޢިރާޤުން ބުނެއެވެ.