22 Oct 2014, 09:20
ހޮންގްކޮންގް (އޮކްޓޯބަރ 22): ހޮންގްކޮންގް އަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލައި މުޒާހަރާ ކުރަމުން ގެންދާ ކިޔަވާކުދިންގެ އިސްފަރާތްތަކާ ބައްދަލުކުރި ނަމަވެސް އެފަރާތްތަކުގެ ހުށަހެޅުންތަކަށް އިޖާބަ ނުދޭނެ ކަމަށް ހޮންގްކޮންގް ސަރުކާރުން ބުނެފި އެވެ.
ހޮންގްކޮންގް އަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލައި މުޒާހަރާކުރާ ކިޔަވާކުދިންގެ އިސްފަރާތްތަކާ އެކު ހޮންކޮންގެ މަސްއޫލުވެރިން އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހު ދެއްވި ބަޔާނެއްގައި އެގައުމުގެ މަސްއޫލުވެރިއަކު ވިދާޅުވީ މިއީ ޑިމޮކްރަސީގެ ނަމުގައި މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަމުންގެންދާ ފަރާތްތަކުގެ އަޑުއެހުމަށް ބޭއްވި ބައްދަލުވުމެއް ކަމުގަ އެވެ. އެހެންކަމުން އެފަރާތްތަކުގެ އެދުންތަކަށް އިޖާބަދިނުމާ ބެހޭ ގޮތުން މަޝްވަރާކުރުން މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނިފައިނުވާ ކަމުގަ އެވެ. ނަމަވެސް މިފަދަ އިތުރު ބައްދަލުވުންތަކެއް މުސްތަގްބަލްގައި ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަން ހާމަކުރަން ނޭދޭ އެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
ހޮންގްކޮންގް އަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލައި މުޒާހަރާ ކުރަމުން ގެންދާ ކިޔަވާކުދިން ސަރުކާރަށް ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި އެސަރަހައްދުގައި މިހާރު ވެރިކަންކުރާ ސަރުކާރު އިސްތިއުފާ ދިނުމަށް ފަހު އިންތިގާލީ ސަރުކާރެއް އެކުލަވާލުމާއި އެއަށްފަހު މިނިވަން އިންސާފުވެރި އިންތިޚާބަކުން އެސަރަހައްދުގެ ސަރުކާރާއި ލޯކަލް ޕާލަމެންޓެއް އިންތިޚާބުކުރުން ހިމެނެ އެވެ. މިކަމަށްޓަކައި ހޮންގްކޮންގްގައި އިންތިޚާބާބެހޭ މުސްތަގިއްލު ކޮމިޝަނެއް އުފެއްދުމާއި އިންތިޚާބާބެހޭ ނިޒާމެއް އެކުލަވާލުން ވެސް ޑިމޮކްރަސީގެ ނަމުގައި މުޒާހަރާކުރާ ކިޔަވާކުދިންގެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެ އެވެ.
ނަމަވެސް ހޮންގްކޮންގެ މަސްއޫލުވެރިންނާއި އެސަރަހައްދު ނިސްބަތްވާ ޗައިނާގެ އިސްމަސްއޫލުވެރިންވަނީ ކިޔަވާކުދިންގެ މިއެދުންތަކަށް އިޖާބަ ދިނުމަށް ކަނޑައެޅިގެން ދެކޮޅު ހަދާފައެވެ. ޑިމޮކްރަސީ ގެނައުމަށް ގޮވާލައި ހޮންގްކޮންގައި ކިޔަވާކުދިން ކުރަމުންގެންދާ ސިލްސިލާ މުޒާހަރާތައް މަހަކަށް ވުރެ ދިގުދެމިގެން ގޮސްފައިވާ އިރު މިމުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު މިހާރުވަނީ ވަރަށްބޮޑަށް ދަށަށް ގޮސްފަ އެވެ. އަދި މިކަމުގައި އިސްކޮށްއުޅޭ ކިޔަވާކުދިންގެ ލީޑަރުންގެ އަދަދު ވެސް މިހާރުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ހޮންގްކޮންގްގެ މާލީ ވަޒީރު ދާދިފަހުން ވިދާޅުވެފައި ވަނީ މުޒާހަރާކުރާ ފަރާތްތަކުން ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށާއި މުޒާހަރާކުރާ ފަރާތްތަކުގެ އެދުންތަކަށް އިޖާބަދެވެން ނޯންނާނެކަން ތަކުރާރުކޮށް އެމީހުންނަށް އަންގާފައިވާނެ ކަމުގަ އެވެ. ނަމަވެސް އެފަރާތްތަކުގެ އަޑުއެހުމަށް ޓަކައި ވާހަކަދެއްކުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށް އޭނާ ވިދާޅުވި އެވެ.
ވިޔަފާރި މަރުކަޒެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު ވެފައިވާ ހޮންގްކޮންގް އަކީ ދާޚިލީ ވެރިކަމުގެ ބޮޑެތި ބާރުތަކެއް ދީފައިވާ ވެރިކަމުގެ ވަކި ނިޒާމެއް އޮންނަ ޗައިނާގެ ސަރަހައްދެކެވެ. ހޮންގްކޮންގްގައި ޑިމޮކްރަސީ އަށް ގޮވާލައި މުޒާހަރާތައް ކުރަމުން ގެންދާތާ ފަރާތްތަކުގެ އެދުންތަކަށް އިޖާބަ ދީފި ނަމަ ޑިމޮކްރަސީގެ ނަމުގައި ޗައިނާގެ އެހެން ސަރަހައްދުތަކުގައި މުޒާހަރާތައްކޮށް ހަމަނުޖެހުންތައް ހިންގުމުގެ ހިއްވަރު އެކްޓިވިސްޓުންނަށް ލިބިދާނެކަމުގެ ބިރު ޗައިނާގެ އިސްވެރިން އިޙްސާސް ކުރައްވަ އެވެ. އެހެންކަމުން ހޮންގްކޮންގެ ކިޔަވާކުދިން ޑިމޮކްރަސީގެ ނަމުގައި ފަށާފައިވާ ދަތުރު ކާމިޔާބު ވުމުގެ ފުރްސަތު ކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)