ފުލުހުންނަށް ދޮގު މައުލޫމާތު ދިން މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ދޮގު މައުލޫމާތު ދިނުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ކައިރީ ޓްރެފިކް ފުލުހުން ގާއިމް ކޮށްފައިވާ ވެހިކަލް ޗެކް ޕޮއިންޓް (ވީސީޕީ) އަކުން މިއަދު ހަވީރު 5:30 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ހުއްޓުވައި ސުވާލު ކުރުމުން، އޭނާގެ ޒާތީ މައުލޫމާތުތައް ފުލުހުންނަށް އޮޅުވާލައި، ދޮގު މައުލޫމާތު ދީފައިވާތީ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ބެލިއިރު، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާ ޚިލާފުވެ، މޯބައިލް ފޯނުން ވާހަކަ ދައްކަމުން ސައިކަލް ދުއްވި މައްސަލައަކާ ގުޅިގެން މިދިޔަ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އުމުރުން 25 އަހަރުގެ އެ މީހާއަކީ ތަފާތު އެކި މައްސަލަތަކާ ގުޅިގެން 17 ފަހަރެއްގެ މަތިން ހުއްޓުވައި ސުވާލުކޮށް އެއް ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއް ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ. މީގެ އިތުރުން އޭނާ އަކީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނާ ޚިލާފުވުމުގެ ހަތް މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންނަށް ދޮގު މައުލޫމާތު ދިން މައްސަލަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.