24 Jan 2011, 18:51
ލޯކަލް ކައުންސިލް އިންތިހާބަށް ޑީއާރްޕީން ފެށި ކެންޕޭން ނިންމާލުމުގެ ގޮތުން ވެރިރަށް މާލޭގައި ޕެރޭޑެއް ބާއްވަން ނިންމައިފި އެވެ.
ޑީއާރްޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން ނިންމާލުމުގެ ގޮތުން ޑީއާރްޕީން ޕެރޭޑް ބާއްވާނީ އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ގެ ހަވީރު ފަހެއް ޖަހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ދާއިރާތަކުންނާއި އަތޮޅު ތަކުގެ މެންބަރުން ބައިވެރިވާ ޕެރޭޑް، ސޯޝަލް ސެންޓަރު ކައިރިން ފަށައި، މަޖީދީމަގުން އިރަށް ގޮސް ޕެރޭޑް ނިންމާނީ ހެދިގޮނޑުދޮށަށް ކަމަށެވެ. އަދި އެ ޕެރޭޑް ނިންމާލުމަށްފަހު، ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ޕާޓީގެ މެންބަރުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން ނިންމާލުމުގެ ގޮތުން އަތޮޅު ތެރޭގައި ވެސް ހާއްސަ ހަރަކާތްތަކެއް ހިންގަން ޑީއާރްޕީން ވަނީ ނިންމާފަ އެވެ. ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.