އައްޑު އަތޮޅު މީދޫގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ޅިޔަންބެގެ އިތުރުން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖާގެ މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އިތުރު ތަފްށީލު ހާމަ ކުރެވެން ނެތް ކަމަށެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ކުއްޖާ ބައްޕަޔާ އެއްބަނޑުބަފާ އަންހެން ކޮއްކޮގެ ފިރިމީހާ ހިމެނެ އެވެ.
އެ މައްސަލަ އާ ގުޅިގެން ހައްޔަރު ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ނަން ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
އެގޮތުން އެ މައްސަލައާ ގުޅިގެން ފުލުހުން ނަން ހާމަ ކުރި ދެ މީހުންނަކީ ސ. މީދޫ، އުމުރުން 18 އަހަރުވެފައިވާ ލުގުމާން އަހުމަދާއި ހަމަ އަރަށުގެ ޒުވާނެއް ކަމަށްވާ 20 އަހަރުގެ އިހުސާން ވާފިރެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖާ އާ އެކި ދުވަސްވަރު މަތިން ޖިންސީ ގޯނާކޮށް، ބަދުއަހުލާގީ އަމަލުތައް ވަނީ ހިންގާފަ އެވެ.