21 Oct 2014, 12:40
މާލޭގެ މަގުތައް މަރާމާތު ކުރުމަށް ޓަކައި މަގުތައް ތަރައްގީކޮށް ޑިޒައިންކޮށް މެނޭޖްމަންޓް ކޮންސަލްޓަންސީ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.
ހައުންސިން މިނިސްޓްރީ އިން މިއަދު ބުނީ މާލޭގެ މަގުތައް ތަރައްގީކުރުމަށް އެ ޕްރޮޖެކްޓް ޑިޒައިން ކުރުމަށާއި މެނޭޖްމަންޓް ކޮންސަލްޓަންސީ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"މަސައްކަތުގެ ތަފުސީލު ހިމަނާފައިވާ ޓާމްސް އޮފް ރިފަރެންސްއާއި އާރު އެފް ޕީ ޑޮކިއުމަންޓް މިމިނިސްޓްރީގެ ވެބްސައިޓްލިންކްއިން ލިބެން ހުންނާނެ،" މިނިސްޓްރީ އިން ބުންޏެވެ.
ހައުސިން މިނިސްޓްރީ އިން އިތުރަށް ބުނީ އެ ޕްރޮޖެކްޓަށް ބާއްވާ ޕްރީބިޑް އަންނަ މަހު ފަސް ވަނަ ދުވަހުގެ 11:00 ޖަހާ އިރު އެ މިނިސްޓްރީގައި ބޭއްވުމަށް ނިންމާފައިވާ އިރު އެ ޕްރޮޖެކްޓަށް ބީލަން ހުށަހަޅަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެ ކުރިން ހައުސިން މިނިސްޓްރީ އަށް ކަމަށެވެ.
މާލޭގެ މަގުތަކުގެ މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު ސަރުކާރުގެ ވިސްނުން ހުރީ މާލޭގެ މަގުތައް މަރާމާތުކުރުމުގެ ބަދަލުގައި އަލުން ހެދުމަށް ކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި ކޮންސަލްޓެންސީ މަސައްކަތް ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގެ މަގުތަކަކީ ވަރަށް ބޮޑަށް މަރާމާތައް ބޭނުންވެފައިވާ މަގުތަކެކެވެ. ވާރޭ ފޮދެއް ވެހިލާއިރަށް މާލޭގެ ބޮޑު ބައެއްގައި އުނދަގޫވާ ވަރަށް ފެންބޮޑުވެ އެވެ. އަމީނީ މަގުން ފިނޭންސް މިނިސްޓްރީއާ ހަމައިން ފެށިގެން ވިޔަފާރި ވެރިންގެ މިސްކިތާ ހަމައަށް އެ މަގުގައި ފެންބޮޑުވެ އެވެ. އަދި ބޮޑުތަކުރުފާނު މަގުން ވެސްޓްޕާކާ ދިމާލުގައި ވެސް ފެންގަނޑުބޮޑުވެ އޮންނަނީ ކޯރުހެދިފަ އެވެ.