ލ. ގަމު ގެއަކުން ފަރުނީޗަރުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ލ. ގަމު ސިނާއީ ސަރަހައްދުގައި އިމާރާތްކޮށް، ޒީނަތްތެރި ކޮށްފައި ހުރި ފަޅު ގެއަކުން ބެޑްރޫމް ސެޓާއި ޓީވީގެ އިތުރުން އެހެނިހެން ސާމާނު ވަގަން ނެގި ކަމުގެ ތުހުމަތުގައި އެ ރަށު މަތިމަރަދޫ އަވަށުން ހައްޔަރުކޮށްފައިވަނީ ލިލީބީޗް، އަޙްމަދު ފާއިޒް،23 އާއި ދުންފިނި، ޢަލީ ރަޝީދު،20 ކަމަށެވެ.

ފުލުހުން ބުނީ ވަގަށް ނެގި ސާމާނުތައް ފެނުނީ އެ ދެ މީހުންގެ ތެރެއިން އެކަކު ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި އެ ފަރުނީޗަރުތަކުގެ އިތުރުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގިނަ ޢަދަދެއްގެ ސާމާނުތަކެއް އަތުރާފައި ހުއްޓާ ކަމަށެވެ. އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އިތުރަށް ފާސްކުރި ކުރުމުން ވަގަށްނެގުމަށް ފަހު ކޮޓަރީގައި ރާވާފައި ހުރި އެނދުގެ ތަންދޮށުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ އިލެކްޓްރިކް ސާމާނުތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ގަމުގެ ގެއަކުން އެ ދެ މީހުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި އެ މީހުން ދިރިއުޅޭގެ ބަލައި ފާސްކުރީ އާންމު ފަރާތަކުން ފުލުހުން ދިން މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.